އޭޑިކޭ ހޮސްޕިޓަލް

ޔޫސުފްގެ އޮޕަރޭޝަން ކާމިޔާބު

އުމުރުން ފަސް މަހުގެ ޔޫސުފު ހާމިދު މުހައްމަދަށް ދިމާވެފައިވާ އާދަޔާ ހިލާފު ސިއްހީ މައްސަލަތަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި ކޮށްފި އެވެ. އާދަޔާ ހިލާފަށް ބޯ ބޮޑުވަމުން ދާތީ ޔޫސުފްގެ އޮޕަރޭޝަނެއް ކުރީ މިއަދު ހެނދުނު 11 ޖެހިއިރުއެވެ. އޮޕަރޭޝަން ކާމިޔާބެވެ.

ޔޫސުފްގެ ބައްޕަ ބުނީ އޮޕަރޭޝަނަށް ފަހު މިވަގުތު އޮތީ އެންއައިސީޔޫގައި ކަަމަށެވެ. އަދި ހާލަތު މޮނިޓަރު ކުރުމަށް ފަހު މިރޭ ވޯޑަށް ބަދަލު ކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ޔޫސުފްގެ ބޮލުގައި ވަރަށް ގިނަ އަދަދަކަށް ފެން އުފެދި ބޯ ބޮޑުވުމުގެ މައްސަލަ ދިމާވި ނަމަވެސް އޮޕަރޭޝަނަށް ފަހު އެ މައްސަލަ ހައްލުވެ އާންމު ހާލަތަކަށް އަންނާނެ ކަމަށް ޑޮކްޓަރުން ތިބީ އުންމީދު ކޮށްގެނެވެ.

"ދަރިފުޅުގެ ހާލަތާއި ގުޅޭގޮތުން ފުރިހަމަ ޖަވާބެއް ލިބޭނީ ދެތިން ދުވަސް ފަހުން. އެއީ ޑޮކްޓަރުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު. ނަމަވެސް އަލްހަމްދުﷲ، އޮޕަރޭޝަން ކާމިޔާބު. މިވަގުތު އެންއައިސީޔޫގައި އޮތް ނަމަވެސް މިރޭ ވޯޑަށް ނެރޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވި،" ޔޫސުފްގެ ބައްޕަ ބުންޏެވެ. "ޑޮކްޓަރުން ބުނި އޮޕަރޭޝަނަށް ފަހު ބަނޑު ކުރިއަށްވުރެ ބޮޑަށް ފުއްޕާފާނެ ކަމަށް. އެއީ ފެން ދާނެ ގޮތް ހަދާފައި ހުރުމުން. ނަމަވެސް މަޑުމަޑުން ރަނގަޅުވާނެ ކަމަށް އުންމީދު އެބައޮތް،"

ޔޫސުފްގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް އައުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ކުއްޖާއަށް އެހީތެރިވެ، ހެޔޮ ދުއާ ވެސް ކޮށްފަ އެވެ.