ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ވަހީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު ހަސަން އިބްރާހިމް މަނިކު އަވަހާރަ ވެއްޖެ އެވެ. ރައީސް ވަހީދު ބައްޕާފުޅު އަވަހާރަވީ މިއަދު އެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރަވީ ގުދުރަތީ މަރެއްގައި މިއަދު ކަމަށެވެ.

ހަނދުވަރު ހަސަން މަނިކުގެ ނަމުގައި މަޝްހޫރުކަން ހޯއްދެވި ހަސަން އިބްރާހިމް މަނިކު އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 92 އަހަރެވެ.

ހަސަން އިބްރާހިމް މަނިކު ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި 50 އަކަށް އަހަރު ހިދުމަތް ކުރައްވާފަ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރި ކަމުގެ ކުރީކޮޅުގައި އޭނާއާއި އަނބިކަނބަލުންނަށް ސިޔާސީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާފައި ވެއެވެ.

މިއަދު ރައީސް ވަހީދުގެ ބައްޕާފުޅު އަވަހާރަވި އިރު މިއަދަކީ ރައީސް ވަހީދުގެ ސިޔާސީ ހަޔާތްޕުޅުގައި އައި އެންމެ މުހިންމު ދުވަހެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބުރުއަރީގައި ބަދަލުވެ ރައީސް ވަހީދު ރާއްޖޭގެ ވެރި ކަމަށް ވެރިކަމަށް ވަޑައިގެންނެވީ 7 ފެބުރުއަރީގެ މެންދުރު ފަހު އެވެ.