ދިވެހި ޕްރެމިއާ ލީގް

އެޗްޕީއޭގެ ނިންމުމުން ކުޅުންތެރިން ގޮތްހުސްވެއްޖެ

އެޗްޕީއޭއިން ދިން ގައިޑްލައިނާ އެއްގޮތަށް، ލީގް ކުރިއަށް ދަނިކޮށް ކުއްލިއަކަށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެންގުމުން ކުޅުންތެރިން ގޮތް ހުސްވެފައިވާ ކަމަށް ކުލަބުތަކުން ބުނެފި އެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގައި ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ފުޓްބޯޅައިން އާންމްދަނީ އަށް ބަރޯސާވާ 300 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގް ފެށީ ޑިސެމްބަރު މަހު އެވެ. ފުރަތަމަ ބުރު ނިންމައި ދެ ވަނަ ބުރުގެ ދެ ވަނަ ހާފުތާގެ ދެ ވަނަ މެޗުޑޭ އާ ކުރިމަތި ވިއިރު ކުޅިވަރުގެ ހަރާކާތްތައް މެދުކާޑާލަން އެޗްޕީއޭއަށް އެންގުމުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ބަޔަކީ ކުޅުންތެރިންނެވެ.

ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ މުސާރަ ހިނގަނީ ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެ ކުރާ މަސައްކަތަށެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރާ ކުލަބު އީގަލްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލީގް ފެށުމުގެއް ހުއްދަ ދެވެން ނެތް ނަމަ ކުލަބުތައް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަކީ ހުރިހާ ކުޅުންތެރިންގެ އާންމުދަނީއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އީގަލްސްއިން ބުނެ އެވެ.

"ފުޓްބޯޅައިން އާންމުދަނީ ހޯދާ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލުމުން އުނދަގޫ ވާނެ އެވެ.،" ކުލަބު އީގަލްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ސީޒަން ކުއްލިއަކަށް މެދުކަނޑާލަން ޖެހުމަކީ ކުލަބުތކަށްވެސް މާލީ ގޮތުން ގެއްލުންވާނެ ސަބަބެކެވެ. ދިވެހި ޕްރިމިއާ ލީގް މެޗުތައް މެދުކަނޑާލިޔަސް ފަރިތަކުރންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަކީ މިވަގުތު ހުރިހާ ކުލަބެއްގެވެސް އެދެމެވެ. އަދި ލީގްވެސް ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދިނުމަކީ މި ކުލަބުގެ ވަރަށް ބޮޑު އެދުމެކެވެ."

އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލު ކުރާ އަނެއް ޓީމަކީ މާޒިޔާ އެވެ. އެ ޓީމު ވަނީ މިދިޔަ އަހަރުގެ ލީގް ޗެމްޕިއަންގެ ހައިސިއްޔަތުން ގުރޫޕް ސްޓޭޖުން މިހާރުވެސް ޖާގަ ހޯދާފަ އެވެ. ކޮވިޑް-19ގެ ހަލާތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ގޮތްތަކެއް ހޯދާފައިވާކަން މާޒިޔާއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު އިނގިރޭސި ވިލާތުގައި އެ ގައުމުގެ ފުޓްބޯޅަ ލީގްތައް މެދުކަނޑާ ނުލައި ކުރިއަށް ގެންދެ އެވެ.

އެޗްޕިއޭގެ ގައިޑްލައިނާ އެއްގޮތަށް ލީގް ކުރިއަށް ދަނިކޮށް ކުއްލިއަކަށް މެދުކަނޑާލަން ޖެހުމަކީ ފުޓްބޯޅައިން ލިބޭ އާންމުދަނީ އަށް ބަރޯސާ ވެގެން ދިރިއުޅުން ހަމަޖައްސަމުން ގެންދާ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ލިބޭ ވަރަށް ބޮޑު މާޔޫސް ކަމެއްކަމަށްވެސް މާޒިޔާގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މި ކަމުގެ ސަބަބުން ކުލަބުތަކަށްވެސް މާލީ ގޮތުން ގެއްލުވަމުންދާ ކަމަށް މާޒިޔާއިން ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުންވެސް ވަނީ މިކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމުގެ ހުއްދަ ދިނީ އެފްއޭއެމުން އެކުލަވާލި ގައިޑްލައިން އެޗްޕީއޭއިން އެޕްރޫވް ކުރުމުންނެވެ.