ފެބްރުއަރީ 7

ރައީސް ނަޝީދު ވިދާޅުވަނީ މާފުކުރުން ނެތް ކަމަށް

ފެބުރުއަރީ 7، 2012 ގައި ރާއްޖޭގެ ވެރިކަން ބަދަލުވި ހާދިސާގެ ހަނދާން ރައީސް މުހައްމަދު ނަޝީދު އާ ކުރައްވާ އެކަމުގައި މާފު ކުރެއްވުން ނޯންނާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ ވެރިކަން ބަދަލުވި ފެބުރުއަރީ 7 ގެ ހާދިސާތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު މިއަދު ޓުވީޓާގައި ވަނީ މާނަ ފުން ޅެން ބައިތުތަކެއް ހިއްސާ ކުރައްވައިފަ އެވެ. މީގެ ކުރީން ވެސް އެ ދުވަހުގެ ހަނދާންތައް އާ ކުރެއްވުމުގެ ގޮތުން އެ މަނިކުފާނު މިފަދައިން އަމަލު ކުރައްވާ ޅެން ބައިތު ލިޔުއްވާފައި ވެއެވެ.

ވެރިކަން ބަދަލުވި ދުވަހުގެ ހަނދާތައް އާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަނދާންތައް އަދިވެސް ހިތުގައި "ވިކަމުންދާ" ކަމަށެވެ. އަދި އެއީ ފިލައި ނުދާނެ ތަދެއް ކަމަށެވެ.

ފެބްރުއަރީ 7 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވެވި ނަމަވެސް މިހާތަނަށް ވެސް ރައީސް ނަޝީދު ވިދާޅުވަމުން ދަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށެވެ. ނަމަވެސް އެ ހާދިސާ ބަލައި ތަހުގީގު ކުރަން ރައީސް ނަޝީދާއި އެމްޑީޕީން އެދުނު ގޮތަށް ބައިނަލްއަގުވާމީ ފަރާތްތައް ހިމަނައިގެން އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ގެ ރިޕޯޓްގައި ބުނެފައި ވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަަމަށެވެ. ނަމަވެސް ރައީސް ނަޝީދު އެ ރިޕޯޓް ގަބޫލެއް ނުކުރައްވަ އެވެ.

"އަދާ ހަމައަށް މި ހާލަތު ގެނައުމީ، ކުޑަ ކުޑަ ކުށެއް ނޫނޭ!" ހާދިސާތަކެއް ހިނގައި އިސްތިއުފާ ދެއްވުމުން ވެރިކަން ބަދަލު ވެގެންދިޔަ ދުވަހަށް އިޝާރާތްކޮށް ރައީސް ނަޝީދު ޅެމުން ލިޔުއްވާފައި ވެއެވެ.

ދެން ލިޔުއްވެވި ބައިތުތަކުގައި ރައީސް ނަޝީދު ޒަމާންތަކެއް ވަންދެން ވެ ވަޑައިގެންނެވި ގުރުބާނީއަށް ވެސް އަލިއަޅުވާލެއްވި އެވެ. އަދި ފެބްރުއަރީ 7 އުދުވާނެއްގެ ގޮތުގައި ސިފަ ކުރައްވައި އެއީ މާފު ދެވޭނެ ކުށެއް ނޫން ކަމަށް ލިޔުއްވާފައި ސިފަ ކުރައްވާފައި ވެއެވެ.

މާފު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު ފެބްރުއަރީ 7 ގައި ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ ފާސް ވެސް ކޮށްފަ އެވެ.