ތިމާވެށި

ޔުޓިލިޓީ އޮތޯރިޓީ ސީއީއޯއަކަށް ޔަޒީދު އައްޔަނުކޮށްފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް ޔަޒީދު އަހުމަދު ހަމަޖައްސައިފި އެވެ.

ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ރެގިއުލޭޓް ކުރަން އުފައްދާފައިިވާ އެ އޮތޯރިޓީގެ ސީއީއޯ ކަމަށް ސިވިލް ސާވިސް ކޮމިޝަން ޔަޒީދު އައްޔަން ކުރީ މިއަދު އެވެ.

ޔަޒީދު އެ މަގާމަށް އައްޔަން ކުރިއިރު އޭނާ އެންމެ ފަހުން ހުންނެވީ ވެސް ޔުޓިލިޓީ އޮތޯރިޓީގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި 17 އަހަރު އޭނާ ހިދުމަތް ކުރައްވަފައިވާއިރު ޔަޒީދު ވަނީ މީގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ތިމާވެއްޓާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިން ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ޔަޒީދު ސީއީއޯއަށް އައްޔަނު ކުރުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަން މިއަދު ވަނީ އޭނާއާ ބައްދަލުކުރައްވައި ޔުޓިލީ ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.