އަންނަ އޭޕްރީލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިދިކޮޅު ޕާޓީތަކަށް ކެމްޕޭން ކުރުމުގައި ހަމަ ހަމަ ފުރުސަތުތައް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަޝްވަރާއަށް އެކުލަވާފައި އޮންނަ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ އިންތިހާބް ބޭއްވުމުގައި އަމަލުކުރަން އެޗްޕީއޭއިން މިހާރު ކަނޑައަޅާފައި އޮތް ގައިޑް ލައިންއާ ހުރެ އިދިކޮޅަށް ކެމްޕޭން ކުރުމުގައި ހަމަ ހަމަ ފުރުސަތު ނުލިބޭކަން ގަބޫލް ކުރައްވާ ކަމަށެވެ.
"މިހާރު މި އޮތް ގޮތުން ބަލާއިރު މީގައި ވެރިކަން ކުރާ ޕާޓީއަށް އެހެން ފައިދާއެއް ނެގޭ ގޮތަށް މާނަ ކުރުމުގެ ޖާގަ އޮވޭ. އަދި ފެންނަ މަންޒަރަކީވެސް އެއީ. އެހެން ނަމަވެސް މިހާރަށް ބަލާއިރު އެކުލަވާލެވޭނެ އެންމެ ރަނގަޅު އުސޫލުކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާތީ ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށް އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން ގެޒެޓް އެކުރީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އަދި އެ ބޭފުޅުން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އަވަސް ނިންމުމެއް ނިންމެވުމެއް އެދިވަޑައިގެންނެވި އެވެ.
ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއިން މީގެ ކުރިން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހެޅި އެވެ. ނަމަވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެ އެވެ. މިހާރު ގައިޑްލައިންތައް އޮތް ގޮތުން ރަށްތަކަށް ވެރިކަން ކުރާ ޕާޓީގެ ބޭފުޅުން ސަރުކާރުގެ ހައިސިއްޔަތުން ދެވެއެވެ.
ކެމްޕޭން ކުރުމުގައި ހަމަހަމަ ފުުރުސަތު ނުލިބޭކަމަށް ނިޔާޒް އެއްބަސްވެލެއްވިޔަސް އިންތިހާބަށް ކެމްޕޭން ކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެގެން އެއްވެސް މައްސަލައެއް ސިޔާސީ ޕާޓީއަކުން މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި ނިޔާޒް ފާހަގަ ކުރެއްވީ އިންތިހާބްގެ ހަރަދުތައް އިންތިހާއަށް ބޮޑު ވުމެވެ. އެކަމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބް ބާއްވަން 50 މިލިއަނަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ނިޔާޒް އެދިވަޑައިގެންނެވީ ހަރަދުތައް ކުޑަކޮށް އިންތިހާބް ބޭއްވޭނެ ގޮތްތައް ހަމަޖެއްްސުމަށެވެ. އަދި އެކަން ކުރުމުގެ އިހުތިޔާރު އީސީއަށް ލިބިގެންވާކަމަށް ގަބޫލުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން "ބެކަޕް ޓީމް" އެއް ހަދަން ޖެހުނު ނަމަވެސް މި ހާލަތުގައި އެ ޓީމް ނަހަދައި ހަރަދުތައް ކުޑަކުރުމަށް ލަފާދެއްވި އެވެ.