ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: ޝަކުވާތަކަށް ޖަވާބު ނުލިބޭނަމަ އަންގަން އެދެފި

ހިޔާ މަޝްރޫއުގެ ކެޓަގަރީތައް ދިރާސާކުރުމަށްފަހު ފްލެޓް ކޮމެޓީން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅުއްވާފައިވާ ޝަކުވާތަކަށް ޖަވާބު ލިބިފައިނުވާނަމަ އެކަން އަންގަން އެދެފި އެވެ.

ފްލެޓް ކޮމެޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުރިހާ ޝަކުވާއެއް ދިރާސާކޮށް ޝަކުވާގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ހުރިހާ މީހުންނަށް އީމެއިލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކޮމެޓީން ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށައަޅާފައިވާ އެއްވެސް މީހަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް މާދަމާގެ މެންދުރު ފަހު ތިނެއް ޖެހުމުގެ ކުރިން އެންގުމަށް އެދިފައެވެ.

ކުރީ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކި ކެޓަގަރީތަކުން މިހާތަނަށް އާންމުކުރި ވަގުތީ ލިސްޓަށް ގިނަ ބަޔަކު ވަނީ އެތަށް ސަތޭކަ ޝަކުވާއެއް ހުށައަޅާފައެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޝަކުވާތައް ފުނިޖެހިފައިވާއިރު ދާއިމީ ލިސްޓް އާންމުކުރާނީ ހުރިހާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހު ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދިއުމުން މީގެ ކުރިން އެ މިންގަނޑުވެސް ފްލެޓް ކޮމެޓީން ވަނީ އާންމު ކޮށްފައެވެ.