ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވަހީދުގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ދުވަހު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އުއްތަމަ ފަނޑިޔާރުގެ އިތުރުން ދައުލަތުގެ ވަޒީރުން ހިމެނި ވަޑައިގަންނަވަ އެވެ.

ރައީސް ވަހީދު މިއަދު ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސައިން ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. ރައީސް ވަހީދު ކޮވިޑް ވެކްސިން ޖެއްސެވުމަށްފަހު އެކަން ހާމަކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު އިއްޔެ ނިޔަލަށް 6,854 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 5،588 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 1،266 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.