އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ތިން ތުހުމަތެއްކޮށް ބަޔާނެއް ނަގައިފި އެވެ.
މިދިޔަ މަހުގެ 27 ވަަނަ ދުވަހު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ދަރުބާރުގޭ ކައިރީ ކުރި މުޒާހަރާއާ ގުޅިގެން އަބްދުއްރަހީމް މިއަދު ވަނީ ފުލުހަށް ހާޒިރު ކޮށްފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ފުލުހަށް ހާޒިރުކޮށް ތިން ތުހުމަތެއްކޮށް ބަޔާނެއް ނަގާފައިވާ ކަމަށެވެ.
އަބްދުއްރަހީމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަނުމާއި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅުމާއި ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގޮތަށް މަގުބަންދު ކޮށްގެން އިށީނދެ އިންނަވައި އަޑުގަދަ ކުރެއްވުމެވެ.
އޭނާ ވިދާޅުވީ ފުލުހުން ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެ ދުވަހު ދަރުބާރުގެ ކައިރިއަށް އެއްވިއިރު އެ ސަރަހައްދު ފުލުހުންް ބަންދުކޮށްފައި ނުވާ ކަމަށާ އެ ސަރަހައްދަށް ފުލުހުން ދިޔައީ ވެސް މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގޮތަށް މަގު ބަންދު ކޮށްގެން އިށީންދެ އިންނަވައި އަޑުގަދަ ކުރެއްވި ކަމަށް ފުލުހުން ބުނާއިރު މަގުމަތީ އިށީންދެ ވަޑައިގަތީ ކަކުލުގައި ރިއްސާތީ ކަމަަށެވެ.
"އަޅުގަނޑު އިށީނީ ކުޑަކޮށް ކަކުލުގައި ރިއްސާތީ. ހަމަ އިށީންތަނާ ފުލުހުންގެ ދެ މީހަކު އައިސް އަޅުގަނޑު ނަގައިފި. ނަގައިގެން އެއްވެސް ސުވާލެއް ވެސް ނުކޮށް ގެންދިޔައީ. ގެންދަނިކޮށް އަޅުގަނޑު އަޑު އެހިން ކައިރި ހުރި ފުލުހަކު ބުނި އަޑު 'ހައްޔަރަށް ވާ ގޮތަށް' ގެންދާށޭ. ދެން އެ ގެންގޮސް ބަހަށްލައިގެން ކަސްޓޯޑިއަލްއަށް ގެންދިޔައީ. ގެންދިޔައިރު ވެސް ނޭނގޭ މި އުޅެނީ ކީއްވެގެން ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދަރުބާރުގެ ކައިރިއަށް އެއްވުމުން އެތަނުން ދުރަށްދާން އެއްވެސް އިންޒާރެއް ފުލުހުން ނުދޭ ކަމަށާ ގާނޫނީ އިންޒާރުދޭން މަަސައްކަތް ކުރީ ކަސްޓޯޑިއަލްއަށް ގެންގޮސް ކަމަށެވެ. އިދިކޮޅުގެ އިސް ބޭފުޅުން ދަރުބާރުގެ ކައިރިއަށް ދިޔައީ އެޗްޕީއޭގެ އިސްވެރިންނާ ބައްދަލު ކުރުމަށް ކަމަަށާ ބޭނުމަކީ ވެކްސިނާމެދު ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.