އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ޕޫނޭ އިންޓަނޭޝަނަލް ސެންޓާ ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޑައިލޮގްގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށެވެ. ކޮވިޑް-19 އަށްފަހު ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މި އަހަރު ބާއްވާ މި ބައްދަލުވުމުގައި މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވާޗުއަލްކޮށެވެ.
އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓަރު ޝާހިދުގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރާއި މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މާލީ އަދި އިގްތިސާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ ފަސް ވަނަ ފަހަރެވެ. އިންޑިއާގެ ފޮރިން މިނިސްޓްރ އާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ.