(އެޕިސޯޑް 17)
"ހައްހައްހާ! ތީ އެއްވެސް ކަމެއް ނޫން. ތީ ހަމަ ފެން ފޮދެއް ބޯލުންހާ ފަސޭހަ ކަމެއް އަހަންނަށް.." ތަސްބީނާ ގެންދިޔައީ ބާރަށް ހެމުންނެވެ. ތަސްބީނާގެ މޫނަށް ބަލަން ނުކުރިފައި، ޒީނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. ނަމަވެސް މިފްޒާލް ނިކަން އުފަލުން ތަސްބީނާއާ އެކުގައި ހުނުމުގައި ބައިވެރިވި އިރު، އޭނާ ވެސް ހީވަނީ ފުރޭތައެއްް ހެންނެވެ.
"މިއޮތީ ބޭނުންވާނެ ތަކެތީގެ ލިސްޓު. މިއެއްޗެހި ހޯދައިގެން އަވަހަށް އާދޭ! ދެން މިއޮތީ ކުޑަ މަކުނެއް.. މި މަކުނު ތިޔަ ބުނާ ލިއުޝާއާ މިފްޒާލަށް ކާން ދެވޭތޯ ބަލާ.. އޭރުން އެމީހުންނަށް އެތައް އުނދަގޫއެއް ޖެހޭނެ. ހައްހައްހާ.." ތަސްބީނާ ދިއްކޮލި މަނުކު އޮތީ ފަތްކޮޅަކަށްލާ އޮޅާލައިފައެވެ. މިފްޒާލް ވަގުތުކޮޅަކަށް ހައިރާންވިއެވެ.
"ކިހިނެއް އަހަރެން މި މަކުނު އެމީހުންނަށް ކާން ދެނީ؟" މިފްޒާލް ވިސްނާލުމަށްފަހު އަހައިލިއެވެ.
"ހައްހައްހާ.. ބަލަ ބޮލުގެ ތެރޭގަ ތެތް ކަމެއް ނެތީތަ؟ އެމީހުން ކާއެއްޗަކަށް ތިޔަ މަކުނު ޗިސްކޮށްފަ އަޅާ.." ތަސްބީނާ އަޑު ހަރުކޮށް ބުނެލިއެވެ. މިފްޒާލް ފާޑަކަށް ހުރެފައި، ބޯ ޖަހައިލިއެވެ. މިފްޒާލްގެ ސިކުނޑީގައިވާ ހާސް ކަމަކީ އެކަން ކުރާނެ ގޮތެއް ނުވިސްނުމެވެ.
"ދެން ހެވޭ ދިޔަސް.. އަހަރެން ގާތަށް ދެން އަންނަން ވާނީ ލިސްޓުގަ ހުރި އެއްޗެހި ހިފައިގެން.." ތަސްބީނާ އެހެން ބުނެ އޭނާގެ މަސައްކަތަށް އެނބުރި ރުޖޫޢަ ވިއެވެ. ލަސް ފިޔަވަޅު ތަކެއް ނަގަމުން ޒީނާ އާއި މިފްޒާލް ހިނގައިގަތީ އެގެއިން ނުކުންނާށެވެ.
***
ރޭގަނޑުގެ ވަގުތެވެ. ލިއުޝާ އާއި ހައިޝަމް އިނީ ސިޓިންގރޫމްގައެވެ. ޓީވީ އިން ދައްކަމުންދާ ރީތި ފިލްމަށް އެދެމީހުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
"ލިއު.." ހައިޝަމް ކުއްލިއަކަށް ހިފައިލީ ލިއުޝާގެ އަތުގައެވެ. ލިއުޝާ ހިނިތުންވެލަމުން، ބަލައިލީ ހައިޝަމަށެވެ.
"ކީކޭ؟" ލިއުޝާގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ.
"މިފްޒާލްގެ ޚަބަރެއް ނުވޭތަ؟ އަހަރެންގެ ހިތަށް ހަމަ ކުއްލިއަކަށް އޭނަގެ ނަން އައީ.." ހައިޝަމް ބަލަން އިނީ ސީދާ ލިއުޝާގެ މޫނަށެވެ.
"އާނ! ނުވޭ..." މިފްޒާލްގެ ނަން އަޑު އަހާކަށް ލިއުޝާއަށް ފަސޭހައެއް ނުވިއެވެ. އެ ބިރުވެރި ތަސްވީރު އޭނާގެ ކުރިމަތިން ފައުޅުވެގެން ދިޔައީމައެވެ. މިފްޒާލްގެ އަނިޔާވެރި ދަންތުރައިގައި ލިއުޝާ ތާށިވި ހިނދުކޮޅު، އޭނާގެ ސިކުނޑި ސަވާރުކޮށްލީ ލިއުޝާގެ މުޅި ނަފުސަށް އުނދަގޫކަން ގެނުވަމުންނެވެ.
"ކިހިނެއްވީ ލިއު؟" ލިއުޝާއަށް އައި ބަދަލު ހައިޝަމަށް ފާހަގަވިއެވެ.
"ސޮރީ ލިއު. އޭނަގެ މަކަރުވެރި ރޭވުންތަކުން އަހަރެމެން މިއޮތީ ސަލާމަތް ވެފަ.. ދެން އެ ދުވަސްތައް މަތިން ހަނދާންނައްތާލާ.." ހައިޝަމްގެ އިނގިލިތަކުން ލިއުޝާގެ އަތްތިލާގައި ފިރުމަން ފެށިއެވެ.
"ކިހިނެއް ހަނދާންނައްތާލާނީ.. އެއީ އެހާ ފަސޭހަ ކަމެއް ނޫން. އަހަރެމެންގެ މުޅި ދިރިއުޅުން ނަރަކައަކަށް އެމީހުން ހަދާނެ. ދެން ކުރިމަތިވާނެ ތޫފާނެއް ނުވެސް ނޭނގެ." ލިއުޝާގެ ލޮލަށް ބޮޑިވެގެން ދިޔަ ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.
"ދެން އިރާދަކުރެއްވިއްޔާ އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ." ހައިޝަމް މަސައްކަތް ކުރީ ލިއުޝާއަށް އުއްމީދެއް ގެނެވޭތޯއެވެ. ދެމީހުން ލޯތްބާއި އެކު ބަލަން ތިބި ފިލްމު ކުރިއަށް ދާއިރު، މިހާރު ސިޓިންގރޫމްގައި ވަނީ ކުރީގެ މާހައުލެއް ނޫނެވެ.
"އަހަރެެމެން ރާއްޖެ ދޫކޮށް ދާނީ.. އެހެން ޤައުމަކަށް.. އަހަރެމެން ދާ ޤައުމު ސިއްރު ކުރާނީ.." ހައިޝަމްގެ ގަޔާއި ގާތަށް ލިއުޝާ ގެންނަމުން، ލިއުޝާގެ ގައިގައި ހައިޝަމް ބައްދައިލިއެވެ.
***
މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ހެނދުނުގެ ސައި ތައްޔާރު ކުރަން ހައުލާ އުޅުނު އިރު، މިފްޒާލް ދޭތެރެ ދޭތެރެއިން ކޮޓަރިން ނުކުމެ، ބޭރަށް ދެއެވެ. ހަމަ އަނެެއްކާ ވެސް 5ވަރަކަށް މިނެޓު ކޮށްލާފައި ގެއަށް ވަދެއެވެ. އެގޮތަށް އެކަންތައް ތަކުރާރު ވަމުން ދިޔައެވެ. ހައުލާއަށް ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ ވަސް ދުވަން ފެށިއެވެ. ނަމަވެސް، އެއްވެސް އެއްޗެއް ނުބުނެ ހައުލާ ހުރީ މަޑުންނެވެ. މިފްޒާލްގެ ހަރަކާތްތަކަށް ފާރަ ލަމުންނެވެ.
"ތި އަވަހަށް ސައި ހަދާ ބަލަ! ކަލޭ ޖެއްސުންތަ ތި ކުރަނީ ލަސް ކުރަން؟" މިފްޒާލް ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ހައުލާ ދިޔައީ ސިއްސައިގެންނެވެ. ހައުލާ ހީނުކޮށް ހުއްޓައި، ކުއްލިއަކަށް އެހެން ބުނުމުންނެވެ.
"ސޮރީ.. މި ނިންމާލަނީ.." ހައުލާ އަތްމަތި އަވަސްކޮށްލިއެވެ.
"އަހަރެން ނޫޅެން ދެން ސައި ބޯކަށް ވެސް.." މިފްޒާލްގެ ކުރިމަތީގައި އިން ގޮނޑި ހޫރައިލަމުން އޭނާ ވަރަށް ބާރަށް ހިނގާފައި އޭނާގެ ކޮޓަރިއަށް ވަނެވެ. ޙަޤީޤަތުގައި މިފްޒާލް ހުރީ ބަނޑުހައި ވެފައެއް ވެސް ނޫނެވެ. މިފްޒާލްގެ ރުޅި އަކީ އޭނާގެ ސިކުނޑި އޭނާއަށް ދޭ ބުރަ އަކުން އަންނަ ރުޅިވެރި ކަމެކެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ؟" މިފްޒާލް ދޮރު ލައްޕަމުން ބުނި ޖުމުލައިން ހައުލާގެ ސިކުނޑީގައި ބާރު ޓައްކެއް ޖެހިއެވެ. މި ވެގެން އުޅޭ ގޮތް ހޯދަން ހައުލާ އިންތިހާއަށް ބޭނުންވިއެވެ. މިފްޒާލަށް ބަދަލު ހިފުމަށް ރަނގަޅު ފުރުޞަތުގެ ދޮރަކަށް މިކަން ވާނެކަން ހައުލާއަށް ވިސްނުމުންނެވެ.
ހައުލާ ނިކަން ލަސްލަހުން ހިނގާފައި ގޮސް މިފްޒާލްގެ ކޮޓަރީގެ ދޮރުފަތުގައި އޭނާގެ ކަންފަތް ޖެހިއެވެ. މިފްޒާލް ވަރަށް މަޑުމަޑުން އޭނާގެ ނަފުސާ ދައްކަމުން ދިޔަ ވާހަކަތައް ހައުލާގެ ކަންފަތުގެ ހިނދުރި ތެރެއިން ޖާގަ ހޯދަމުން ދިޔައެވެ. މިފްޒާލް ދައްކަމުން ދިޔައީ ބިރުވެރި ވާހަކަތަކެކެވެ. ނާމާން ކަމުން މިފްޒާލްގެ ވާހަކަތައް ވަނީ ފުރިފައެވެ. ހައުލާ ހިތްމަތީގައި އަތް އަޅައިލީ ލިބުނު ބޮޑު ޝޮކަކުންނެވެ. މާނޭވާއެއް ލަމުން، ހައުލާ ގޮސް ހުއްޓުނީ ކާގޭ މޭޒު ކައިރީގައެވެ. އަދި ހައުލާގެ ދެއަތް މޭޒުގައި ޖައްސައިލަމުން، ފުންކޮށް ދެތިން ނޭވާއެއް ހައުލާ ލިއެވެ.
"ކޮން މަކުނެތްތަ؟ ކޮން ސިހުރެއް ބާ"
"ﷲ އަކުބަރު.."
"ސުބުޙާނައްﷲ.. ކީކޭ ބުނާނީ؟ ކޮންފަދަ ބިރުވެރި ކަމެއްބާ!" ހައުލާ ބިރު ގަންނަން ފެށިއެވެ. ނަމަވެސް ހައުލާއަށް މީ ފަހަތަށް ފިޔަވަޅު އަޅަންވީ ވަގުތު ނޫންކަން ޔަޤީންވިއެވެ. އެހެންކަމުން ހައުލާ ފަސް އެނބުރި އަނެއްކާ ވެސް ހިނގައިގަތީ މިފްޒާލް އޮތް ކޮޓަރިއާ ދިމާލަށެވެ. ދޮރުފަތުގައި ހައުލާ ކަންފަތް ޖައްސައިލުމުން އިވުނީ ފެން މާގަނޑުން ފެން ފައިބާ އަޑެވެ. އެހެން ކަމުން ހައުލާ ތެޅިތެޅި އޮތް ހިތަކާއި އެކު، ދޮރު ހުޅުވައިލިއެވެ.
ކޮޓަރީގައި އެެއްވެސް މީހެއް ނެތެވެ. ހައުލާއަށް ލިބުނު ކުޑަ ހިނދުކޮޅުގެ ބޭނުން އޭނާ ރަނގަޅަށް ހިފަން ބޭނުން ވިއެވެ. މޭޒުމަތީގައި ފަތްކޮޅަކަށް ލާފައި އޮޅާލާފައި އޮތް އެތިކޮޅު ހައުލާ މަޑުމަޑުން ނިއުޅައިލިއެވެ. އޭގެ ތެރޭގައި އޮތް ކުޑަ މަކުނު ފެނުމާއި އެކު، ހައުލާގެ ދެލޯ ބޮޑުވިއެވެ. އެ މަކުނު އޮތީ މަރުވެ، ވަރަށް ބޮޑަށް ފޯއްވެފައެވެ. ބިރުން ހުރެ ވެސް ހައުލާ އެ މަކުނު ނެގިއެވެ. އަދި ކުރިން އިން ގޮތަށް ފަތްކޮޅު އޮޅައިލިއެވެ.
ވަރަށް ހިމޭން ކަމާއި އެކު ފިޔަވަޅަކަށް ފަހު، ފިޔަވަޅެއް ނަގަމުން ހައުލާ އެ ކޮޓަރިން ނުކުތެވެ. އަޑެއް ބަޑެއް ނީއްވައި، ދޮރު ލައްޕައި، ހައުލާ ގޮސް ސިޓިންގރޫމަށް ނުކުތެވެ.
"އަލްޙަމްދުލިއްލާހި.." ހައުލާ ނިކަން އުފަލުން ހިނިތުންވެލިއެވެ. މިފްޒާލް ދެއްކި ހުރިހާ ވާހަކައެއް ހައުލާއަށް އިވުނެވެ. އެހެންކަމުން މި މަކުނަށް ހަދަންވީ ގޮތް ހައުލާއަކަށް ނޯޅުނެވެ.
"ކޮން ލިއުޝާއެއްބާ؟ ލިއުޝާއަށް މި މަކުނު ކާން ނުދެވިގެން ދޯ އެ އުޅެނީ.. ހުރެބަލަ!" ހައުލާ ބަލާކަށް ނުހުރެ، އައިސް އަލަމާރީގައި އޮތް މިފްޒާލް ފެންބޯ ފެންފުޅީގެ ތެރެއަށް މަނުކު ޗިސްކޮށްލަމުން އަޅައިލިއެވެ. އަދި ބަދަލު ހިފުމުގެ ހިނިތުންވުމެއް ހައުލާގެ ތުންފަތުން ދުވެލިއެވެ.
***
ޒީނާގެ ކަމަކީ އަބަދު ރޮއި ހިތާމަ ކުރުމެވެ. އެތައް ފަހަރަކު ހުރިހާ ވާހަކައެއް މަންމަމެން ގާތުގައި ކިޔާފާ ނަމޭ ވެސް ޒީނާގެ ހިތް ބުނެއެވެ. ކުރެވޭ ފާފަތައް އިތުރުވެ، މުޅި މީހާގެ ޙަޔާތް މުޅިން ހަލާކު ވަނީ ކަން އެއީ ޒީނާއަށް އެނގޭ ކަމެކެވެ. އެންމެ ކަމެއް ފޮރުވަން އެތައް ބޮޑެތި އަނިޔާއެއް އަމިއްލަ ނަފުސަށް ޒީނާއަށް ދަނީ ދެވެމުންނެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެން ހަލާކު ވެދާނެ.. މަރު ވެދާނެ.." ޒީނާގެ ޕާސް ކިޔާފައި ރޮއިގަންނަމުން، އޭނާގެ މޫނުގައި ބާލިސް އެޅިއެވެ.
***
ލިއުޝާ އިނީ ހައިޝަމް އާއެކު ހެނދުނުގެ ނާސްތާއަށް އިންސާފު ކުރާށެވެ. އެކި ވާހަކަތައް ދައްކަމުން އެދެމީހުން ދިޔައިރު، މިހާރު އެ މީހުންގެ ޕުލޭނަކީ ރާއްޖެ ދޫކޮށް ދިޔުމެވެ. ސައި ފޮބެއް ބޮއިލުމާއި އެކު، ލިއުޝާއަށް ފޯނަށް ބަަލައި ލެވުނީ އަސްމާގެ އިންޑިއާ ނަމްބަރުން ގުޅުމުންނެވެ.
"ހަލޯ އަސްމާ.." ލިއުޝާ ފޯނު ނެގިއެވެ.
"ލިއު. ކޮބާ ކިހިނެއްތަ؟" އަސްމާގެ އަޑުގައި ވަނީ ހިތްހެޔޮ ކަމެވެ.
"އަހަރެން ރަނގަޅު.. ވަހީދު ކޮބާތަ؟ އޮޕަރޭޝަން ކާމިޔާބު ވީމަ ހީކުރީ އަންނާނެ ކަމަށް އަވަހަށް ރާއްޖެ.." ލިއުޝާ ބުނެލިއެވެ.
"އާނ! ދާނަން ވަރަށް އަވަހަށް.. އެކަމު ވަހީދަށް ހިނގޭނީ އަދި 10މަސް ފަހުން ކަމަށް ވަނީ.. ދެން ނުޖެހޭނެ އަވަހަށް ޑޮކްޓަރަށް ދައްކަން މިކޮޅަށް އަންނަން ވެސް.." އަސްމާ އެހެން ބުނެލީ ހީނލަމުންނެވެ.
"އެހެންތަ؟.." ލިއުޝާ ވެސް ހިނިތުންވެލިއެވެ.
"ލިއު ހަމަ އަސްލަށް ވެސް އޯކޭތަ؟ އަހަރެން ވެސް އަޑު އެހިން ވާހަކަތަކެއް.. ވަހީދު ގާތު އެވާހަކަތައް ނުކީ.. އޭނަ ދެރަ ވާނެކަން އެނގޭތީ.." އަސްމާ ކޮށްލި ސުވާލުން ލިއުޝާ ވަގުތުކޮޅަކު ހުއްޓުނެވެ.
"ހޫނ.. މިހާރު ރަނގަޅު.. ހައިޝަމް ވެސް މިނިވަން ވެއްޖެ.. އެކަހަލަ ވާހަކަ ވަހީދަށް އަންގާނެ ކަމެއް ނެތް.." ލިއުޝާ އެހެން ބުނެލީ އުނދަގު ކަމާއި އެކުގައެވެ. މިފްޒާލްގެ ނަން ވެސް މިހާރު ލިއުޝާއަށް ވެފައި ވަނީ ބޮޑު ބައްޔަކަށެވެ.
***
"ހާދަ ބުރަކޮށްލައިގެން.." ހައުލާ ސިއްސައިގެން ދިޔައީ ފަހަތުން މިފްރާހުގެ އަޑު އިިވުމުންނެވެ.
"ނޫނޭ. ބުރައެއްް ނޫން." ހައުލާގެ އަޑުގައި ތަފާތު ކަމެއް މިފްރާހަށް ފާހަގަ ކުރެވުނެވެ.
"މައު.. އޯކޭތަ؟ ހާދަ ބިރުން ހުރިހެން ހީވެޔޭ.." މިފްރާހު ބަލައިލީ ހައުލާގެ މޫނަށެވެ.
"ނޫނޭ.. ބިރެއް ނުގަނޭ.. މީ... އާދޭ ސައިބޯން.." ހައުލާ ވާހަކަ އޮޅުވައިލަމުން މިފްރާހަށް ބަލައިލިއެވެ.
"މައުއަށް އުނދަގޫ ނުވޭތަ؟ ތި ހުރިހާ މަސައްކަތެއް ކުރާ އިރު، ލޮލާއި އެއްކޮށް ނިވާކޮށްގެން އަބަދު އުޅޭކަށް.." މިފްރާހު އަތް ދޮންނަމުން ބުނެލިއެވެ. ހައުލާ ހީނލަމުން އާނއެކޭ ބުނެލިއެވެ. މިފްރާހު ހެނދުނުގެ ސަޔަށް އިންސާފު ކުރަން އިން އިރު، އޭނާގެ ގާތުގައި ހަައުލާ ވެސް އިނެވެ.
***
ފެންވަރައި ރީތިވެގެން، މިފްޒާލް އޭނާގެ ކޮޓަރިން ނުކުތީ މޭޒުމަތީގައި އޮތް ފަތްކޮޅު ކޮތަޅަކަށް ލައިގެންނެވެ. މިފްޒާލަކަށް އެ ފަތްކޮޅުގެ ތެރޭގައި އިތުރު އެއްވެސް އެއްޗެއް ނެތްކަން އެއީ ނޭނގޭ ކަމެކެވެ.
"ކޮއްކޯ.. އާދޭ ސައިބޯން.." ގެއިން ނުކުންނަން ދިމާކޮށްލި މިފްޒާލަށް ބަލައިލަމުން، މިފްރާހު ބުނެލިއެވެ.
"ނޫން. ދޮންބޭ.. އަހަރެން ކާނީ ފަހުން.." އެހެން ބުނެ، މިފްޒާލް ފަހަތަށް ފިޔަވަޅެއް ނަގައި އައިސް އަލަމާރި ހުޅުވައިލިއެވެ. އަދި އޭނާގެ ފެން ފުޅި ނަގައި، މަތި ނައްޓައިލީ ކަރުގެ ތެތްކަން ފިލުވައިލުމުގެ ބޭނުމުގައެވެ. ހައުލާ އިސްދަށަށް ޖަަހައިގެން އިން ކަމަކު، އޭނާގެ ލޮލުގެ ހިމަކޮޅު ވަނީ މިފްޒާލަށް ގޮސް ހުއްޓިފައެވެ.
މިފްޒާލްގެ އަރުން އެތެރެއަށްދާ ކޮންމެ ކޯވަރަކުން ހައުލާގެ ހިތަށް ލިބުނީ އުފާވެރިކަމާއި، ހިތްހަމަ ޖެހުމެކެވެ. ފެންފުޅީގެ މެދާއި ހިސާބަށް ފެން ބޮައިލަމުން، މިފްޒާލް އެގެއިން ނުކުންނަން ހިނގައިގަތެވެ. ހައުލާ އިސްނަގައި، ބަލައިލީ އޭނާގެ ކުރިމަތީގައި އިން މިފްރާހަށެވެ. އެވަގުތު ވެސް ހައުލާގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. (ނުނިމޭ)