ވިޔަފާރި ބަނދަރުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހައްލު ކުރަން ގޮވާލާއި ކުއްލި މައްސަލައެއް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މި އަހަރުގެ މަސައްކަތުގެ ފުރަތަމަ ޖަލްސާގައި ހުށެހެޅި އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ނިންމީ 34 މެމްބަރުންގެ ވޯޓުން ނެވެ. އަދި ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްްވި އެވެ.
މި އަހަރު ފެށި ފަހުން އެމްޕީއެލް ބަނދަރުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގާފައި ވެއެވެ. މިދިޔަ މަހު ހިނގި އެއް ހާދިސާގައި އެކަކު މަރުވެފައި ވެއެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހު ހިނގި ހާދިސާގައި މީހަކު ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ވެންޓިލޭޓަރުގަ އެވެ. އޭނާ ފަހުން ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ.
މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފް އެދިވަޑައިގެންނެވީ މިހާރު ވިޔަފާރި ބަނދަރުގައި ހުރި ސަލާމަތީ މިންގަނޑުތަކުގެ ފުރިހަމަ އޮޑިޓެއް ހަދައި އެ ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އެޅުމެވެ. އޭނާ ދެން އެދިވަޑައިގަތީ ވިޔަފާރި ބަނދަރުގައި ހިނގާ ހާދިސާތަކުގަިއ ގެއްލުން ލިބޭ ފަރާތްތަކުގެ އާއިލާތަކުގެ މެމްބަރުންނަށް ނަފްސާނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަ ށެވެ.
ޝަރީފް ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރައްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެފަދަ ހާދިސާތަކުގައި ޒިންމާވަން ޖެހޭ ފަރާތްތައް ބަލައި ފިޔަވަޅު އަޅަން ވަނީ ގޮވާލައްވައިފަ އެވެ. އެފަދަ މައްސަލަތައް ހުރީ ހަަމައެކަނި ހުރީ ވިޔަފާރި ބަނދަރުތަކުގައި އެކަނި ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސިމަންތި ބަސްތާއެއް ވެއްޓި ކުއްޖެއްގެ ފުރާނަ ދިޔަ ހާދިސާއަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ މަސައްކަތް ކުރާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންތައްތައް ހަރުދަނާކުރަން ޖެހޭކަން އަފީފް ފާހަގަ ކުރެއްވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވިޔަފާރި ބަނދަރުގެ ސަލާމަތީ މިންގަނޑުތައް ދުނިޔޭގެ ވިޔަފާރި ބަނދަރުތަކުގައި އޮންނަ އުސޫލުތަކާ އެއް މިންގަނޑަށް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އޮތް ސަލާމަތީ ނިޒާމް އޮތީ ވަރަށް ދޯދިޔާކޮށް ކަަމަށާއި އަދި އެ ނިޒާމް މިއަށްވުރެ ރަނގަޅު ކުރެވޭނެކަަމަށް އޭނާ ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެދިވަޑައިގެންނެވީ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ހަރުކަށީ ފިޔަވަޅުތައް އެޅުމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މީހުންނަށް ފުރިހަމަ މައުލޫމާތުދީ ތަމްރީން ދޭން ގޮވާލައްވައި އެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އައިއެމްއޯ އަދި އައިއެލްލޯ މިނގަނޑަށް ގެންނަން ލަފާ ދެއްވި އެވެ.