އަހުމަދު ރިލްވާން

ރިލްވާން ގެއްލުވައިލުން: ވަޅީގެ މައުލޫމާތު ދޭ މީހަކަށް ފަސްލައްކަ ރުފިޔާ

ދެހާސް ސާދަ ވަނަ އަހަރު ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ބިރު ދައްކަން ގެންގުޅުނު ވަޅީގެ މައުލޫމާތު ހިއްސާކުރާ މީހަކަށް ފަސްލައްކަ ރުފިޔާ ދޭން ހުށަހަޅައިފި އެވެ.

ވަޅީގެ ފޮޓޯ އާންމު ކުރުމަށްފަހު މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވަޅިޔަކީ ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު އޭނާ ކާރަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

"ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި ގުޅޭ ގޮތުން ސާބިތު ހިފޭވަރު ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި" އެބަޔާނުގައި ވެއެވެ.

މަރުކޮމިޝަނުން އިތުރަށް ބުނީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.