އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ ވަޅި ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުގެ ފަރާތުން ވާކަދައްކަމުން މިސްބާހު އައްބާސް މިއަދު ވިދާޅުވީ، މިވަގުތު ރިލްވާން މައްސަލައަށް ލިބިފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު ހެއްކަކީ އޭނާ އަށް ބިރުދައްކަން ގެންގުޅު ވަޅި ކަމަށާއި، ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ރާއްޖެއިން ފުލުހުން ވެސް ވަޅީގެ ފޮރެންސިކް ޓެސްޓްތަކެއް ހަދާފައިވާ ކަމަށް މިސްބާހު ވިދާޅުވި އެވެ.
ރިލްވާން ގެއްލުވައިލި މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ވިދާޅުވީ، އެކޮމިޝަނުން ޖުމްލަ 27 މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަތަކުގެ ތަހުގީގުތަކަށް ޖުމްލަ 11 މީހެއްގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަނުން ބަލަމުން އަންނަ ގިނަ މައްސަލަތަކެއްގެ ބޮޑުބައި ވަނީ ނިމިފައި. ޑރ. އަފްރާޝީމް އާއި، ޔާމީން ރަޝީދު އަދި ރިލްވާންުގެ މައްސަލާގައި ގޮތެއް ނިންމިގެން ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ކޮމިޝަނުން މަސައްކަތް މި ކުރަނީ" މިސްބާހު ވިދާޅުވި އެވެ.
މަރު ކޮމިޝަން އުފެދުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތަކެވެ. މިސްބާހު ވިދާޅުވީ ކޮމިޝަނުން ބަލާ ހުރިހާ މައްސަލައަކީވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މައްސަލަތަކެއް ކަމަށާއި، އެހެންކަމުން މިކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ރިލްވާން އަށް ބިރުދައްކަން ގެންގުޅުނު ވަޅީގެ ފޮޓޯ އާންމުކުރަމުން އިއްޔެ އެކޮމިޝަނުން ވަނީ އެޔާ ބެހޭ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 500،000 ރުފިޔާގެ އިނާމެއް ވެސް ހުށަހަޅާފައެވެ. މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓިގެން ދާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ. މިވަޅިއަކީ ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު އޭނާ ކާރަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެކެވެ.