ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިސަލް ނަސީމް

ނާއިބު ރައީސް ކޮވިޑް ވެކްސިން ޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ދުވަހު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އުއްތަމަ ފަނޑިޔާރުގެ އިތުރުން ދައުލަތުގެ ވަޒީރުން ހިމެނި ވަޑައިގަންނަވަ އެވެ.

ނާއިބު ރައީސް ވިދާޅުވީ އެމަނިކުފާނު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ޖައްސަވާފައިވާ ކަމަށެވެ. އަދި އެންމެހާ ރައްޔިތުން ގައުމީ ރޫހެއްގަ ވެކްސިން ޕްރަގްރާމްގައި ބައިވެރިވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 12،934 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށްހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. ފުރަތަަމަ ދުވަހު 282 މީހަކު ކޮވިޑް ވެކްސިން ޖެހިއެވެ. އަދި ދެވަނަ ދުވަހު 554 މީހަކަށް ވެކްސިން ދީފައިވެއެވެ. ތިންވަނަ ދުވަހު ވެކްސިން ދީފައިވަނީ 742 މީހަކަށެވެ. ހަތަރުވަނަ ދުވަހު ވަނީ 1،626 މީހަކަށް ވެކްސިން ދީފައެވެ. ފަސްވަނަ ދުވަހު ވެކްސިން ދިނީ 1،003 މީހަކަށެވެ. ހަވަނަ ވެކްސިން ދިނީ 2،575 މީހުންނަށެވެ. އިއްޔެވެސް 2،898 މީހަކަށް ވަަނީ ވެކްސިން ދީފައެވެ. މިއަދު ވެކްސިން ދިނީ 3،190 މީހަކަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 2،663 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 527 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 10،626 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 2،308 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިވަގުތު 55 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 50 އަހަރުން މަތީ ބަލި މީހުންގެ ވެކްސިން މާދަމާ ފަށާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި އެ ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ހަމަނުވާ މީހުންގެ އިތުރުން ހަކުރުބަލި ހުންނަ މީހުނާއި ހިތުގެބަލިތައް ހުންނަ މީހުނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުނާއި ކިޑްނީބަލިތަކުގެ މީހުނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރުދަށް ވެފައިވާ މީހުނެވެ.

އަދި ދިގުމުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަންމަތި މީހުނާއި ތެލެސީމިއާ / ސިކްލްސެލް އެނީމިއާ ހުންނަ މީހުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.