އިންޓެނެޓްގެ އަގުތައް ބޮޑުވެ ޓެލެކޮމް އޮޕަރޭޓަރުންނަށް ފައިދާވާ ގޮތަށް ކަންކަން އޮންނާތީ ސަރުކާރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ސަރުކާރުގެ ސިޔާސަތުތައް އޮތީ ދިމާ އިދިކޮޅަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިންޓަނެޓް އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ ވައުދު ފުއްދާފައެއް ނުވެއެވެ. އެ މައްސަލައިގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒު ކުރަނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށެެވެ.
ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް އޮތޯރިޓީން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ގަރާރެއް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ހުށަހެޅުއްވުމުން އެ ގަރާރުގެ ބަހުސްގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑިވިދާޅުވެ އިންޓަނެޓް އަގު ހެޔޮ ކުރަން ސަރުކާރުން ކުރީ ކީއްތޯ ސައީދު ވަނީ ސުވާލު ކުރައްވާފަ އެވެ.
އަދި އިންޓަނެޓް އަގު ހެޔޮކުރަން ދައްކާ ވާހަކަތަކުގެ ހަގީގީ މަންޒަރު އެންމެ ރީއްޗަށް ފެންނަނީ ދާދި ފަހުން ފާސް ކުރި ބޮޑު ބަޖެޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސައީދު، މިއަދު ބޮންޑޭގެ ގަރާރު ސިފަ ކުރެއްވީ ސަރުކާރުން "ބައިކޮޅަށް ޖެހި ގޯލެ" އްގެ ގޮތުގަ އެވެ.
"އެންމެ ފަހުން ފާސްކުރި ބަޖެޓު އިންތިހާއަށް އަޅުގަނޑުމެން ކަންބޮޑުވި ބަޖެޓެއް. މުޅި ދިވެހި ރާއްޖޭގެ ދަރަނި 82.6 ބިލިއަން ރުފިޔާއަށް މިއަހަރު އަރާނެ ގޮތަށް ފަރުމާ ކޮށްފައި އޮތް ބަޖެޓުގައި ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ރުފިޔާ ހޯދަން މިއޮތީ ފްރީކުއެންސީ ސްޕެކްޓްރަމް ޗާޖު ކިޔާ އެއްޗެއް ނަގައިގެން. .މިކަން ސީދާ ރައްދު ވަނީ އިންޓަނެޓްގެ އަގު ބޮޑުވުމަށް. މިއީ ފެއިލްވާ ނުވަތަ ވެފައިވާ އެއް ސިޔާސަތު" ސައީދު ވިދާޅުވި އެވެ.
އެހާ ބޮޑު އަދަދަކުން ފައިސާ ހޯދަން އެ ޗާޖް ހިމެނީ ސީދާ ވިޔަފާރިއަށް ހުރަސް އަޅަން ކަަމަށް ވެސް ސައީދު ތުހުމަތު ކުރެއްވި އެވެ
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ތިން ވަނަ ފަރާތަކަށް މުވާސަލާތީ ހިދުމަތް ދޭން ހުއްދަ ދިނުމުގެ ސިޔާސަތުތަކެއް މި ސަރުކާރުން ގެންގުޅެ އެވެ. ނަމަވެސް އެ ހުއްދަ ދިނުމުގައި އެކަމަށް އެދި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ދިނުމުގެ ސިޔާސަތާއެކު ވެސް އިންޓަނެޓްގެ އަގު ބޮޑުވާނެ ކަމަށް ސައީދު ވިދާޅުވ އެވެ.
ޓެލެކޮމިއުނިކޭޝަނާ ބެހޭ ގާނޫނެއް ރާއްޖޭގައި ވުޖޫދަށް އައީ ނިމިގެން ދިޔަ ސަރުކާރުގަ އެވެ. ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައިސް މިވީ މުއްދަތުގައި ވެސް ޓެލެކޮމް އޮޕަރޭޓަރުން ރެގިއުލޭޓްކުރާނެ ގަވައިދެއް މިހާތަނަށް ހަދާފައެއް ނުވެއެވެ. އެކަން މިއަދު ސައީދު ވެސް ފަހަގަ ކުރައްވާ އިންޓަނެޓްގެ މައްސަލައިގައި ހުރިހާ ކަމެއް މިނިސްޓަރު މަލީހާ އެމްޑީޕީން ގުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަަރަށް [މަލީހު ގެ އިސްތިފުޅުގައި] ބޮޑެތި އިލްޒާމްތަކެއް އެޅިގެން މި އަންނަނީ، ތިޔަ ކޯލިޝަންގެ މިނިސްޓަރު. އެއާއެކު ޗީފް ޓެލެކޮމިއުކޭޝަން އޮފިސަރަކަށް [ރައީސް އޮފީހުގައި އޮންނަ މަގާމެއް] 80 ޕަސެންޓް ވުޒާރާގެ މަސައްކަތް ހަވާލު ކުރައްވައިފައި ތިއޮތީ. އެއީ އެމްޑީޕީގެ އެކްޓިވިސްޓެއް ހަމަ ސީދާ އެކްޓިވިސްޓަކަށް. 80 ޕަސެންޓް މަސައްކަތް ހަވާލުކޮށް އެ ގަވައިދު ނުހަދާ މި ކަންބޮޑުވާ ވުންތަކަށް ހައްލު ހޯދައިދޭން އެއްވެސް ކަމެއް ނުކުރުމަކީ އޭނަ ގާތުގައި އެމްޑީޕީން ސުވާލު ކުރެވޭނެ ކަމެއްް. ކޮށްފިއްޔާ ތިޔަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި އޭނަ މަސައްކަތް ކުރާނެ" ސައީދު ވިދާޅުވި އެވެ.
މިއަދުގެ ބަހުސްގައި ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖު ވިދާޅުވީ މުއާސަލާތީ ކުންފުނިތައް ކަމަށްވާ ދިރާގާއި އުރީދޫއިން ރާއްޖެއިން އަހަރަކު 400 މިލިއަނެއްހާ ރުފިޔާ ފައިދާގެ ގޮތުގައި ނަގާއިރު އިންޓަނެޓްގެ އަގު މާބޮޑަށް ވެސް ބޮޑު ކަމަށެވެ.