ވިޔަފާރި

އެމްއެމްޕީއާރުސީ އަށް އެކްޓިން އެމްޑީއެއް ހަމަޖައްސައިފި

Oct 28, 2015

މައްސަލަތަކެއްގެ ތެރޭގައި އޮތް، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ކުންފުނި އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ އަކަށް މުޅިން އަލަށް ބޯޑްގައި ހިމެނުއްވި، ހާރިސް މުހައްމަދު ހަމަޖައްސައިފި އެވެ.

ހާރިސް އެ މަގާމަށް ހަމަޖެއްސިކަން އެ ކުންފުނީގެ އޮފިޝަލުން މިއަދު ވަނީ އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ. ވިޔަފާރީގެ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ހާރިސް ވަނީ މީގެ ކުރިން އެއާޕޯޓްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ހާރިސްއާ ކުންފުނި ހިންގުން މި ހަވާލު ކުރީ އެ ކުންފުނީގެ ފައިސާ އިން ނާޖާއިޒު ކަންތައްތަކެއް ހިންގާ ކަމަށް ކުރެވޭ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވަންދެން އެ އޮފީސް ހުރީ ބަންދު ކޮށްފަ އެވެ. ސިފައިންގެ ބެލުމުގެ ދަށުން އެ އޮފީސް މިއަދު ހުޅުވައި މަސައްކަތްތައް ވަނީ ފަށައިގެންފަ އެވެ. އެ ކުންފުނީގެ ބޯޑަށް ހާރިސް ގެ އިތުރުން، ތ. ތިމަރަފުށީ މާލޭގެ އަހުމަދު ޝަރީފް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެމްއެމްޕީއާރުސީ އަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހާއްސަ އޮޑިޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ފަށައިފަ އެވެ.