ހަބަރު

ޓެރަރިޒަމް ހުއްޓުވުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި

Oct 28, 2015

ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ޓެރަރިޒަމް ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ފާސްކުރި އެ ބިލްގައިވާ ގޮތުން އެ ބިލް ތަސްދީގު ކުރުމާ އެކު ގާނޫނަކަށްވެ އަމަލު ކުރަން ފަށާނެ އެވެ. އެ ބިލް ރައީސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ތަސްދީގު ކުރައްވައިފަ އެވެ. އެ ބިލްގައިވާ ގޮތުން ބޭރުގެ ގައުމުތަކަށް ދިވެހިން ހަނގުރާމައަށް ދިޔަމަކީ ވެސް ކުށެކެވެ. އެ ބިލް އިއްޔެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ބިލްގައިވާ ގޮތުން ޓެރަރިޒަމަށް ވަނީ؛

  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނުކުރުން
  • މުދަލަށް ބޮޑެތި ގެއްލުން ދިނުން
  • ކުށްކުރާ މީހާ ނޫން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން
  • ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން
  • އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކަލެއް ކުރިމަތިވުން
  • އަނިޔާވެރިވުމުގެ ގޮތުން ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން

މީގެ އިތުރުން ފާސް ކުރި އެ ބިލުގައި ބުނަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ.

އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަނޑައަޅާފައިވާއިރު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.