ޓެރަރިޒަމް

ތިމަރަފުށީގައި ޓެރަރިޒަމް އަމަލު ހިންގަން އުޅުނު މީހުންނަށް ދައުވާކޮށްފި

މިދިޔަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ، ތިމަރަފުށީގައި ދޭން އުޅުނު ޓެރަރިޒަމް ހަމަލާގެ މައްސަލަ ދިރާސާ ކުރުމަށްފަހު ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައި ވާނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ، ޝަރީއަތުގެ މަރުހަލާގައި ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފުރިހަމައަށް މި މައްސަލަ ބަލާނެ ކަމަށެވެ.

އައިސިސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ އަށް މީހަކު މި މައްސަލައިގައި ހައްޔަރުކޮށްފައިވާއިރު، މި މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާއެއް ވަނީ އުފާލައެވެ. ތ. ތިމަރަފުށި ފެހިވިދުވަރު، އަބްދުﷲ ޝަރީފްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

ތިމަރަފުށި ކެނެރީގެ، އަހުސަން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.

ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ތިމަރަފުށި، ސައިމާ، ޝަމާހް ޝަރީފްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ނ. ކުޑަފަރި، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެެވެ.

މި މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ، ބީޗް ހައުސް، އަބްދުﷲ އިމާދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޓެރަރިޒަމްގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އެއޮޕަރޭޝަން ހިންގާފައިވަނީ އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މީހުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެން ކަމަށެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ މެސެޖާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެ އެވެ. މިގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ބުނި ގޮތުގައި އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.