ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައިވާ ކަމަށާ މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓް އާއި ކޮމިޝަނުގެ ވެބްސައިޓް އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ކައުންސިލް އިދާރާ / އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މި ރަޖިސްޓަރީއަށް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅެ އެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު އެކަކަށް ޝަކުވާ ހުށައެޅޭނެ އެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 ކުން މެންދުރު ފަހު 1:00 އަދި ހުކުރު ދުވަހު މެންދުރުފަހު ވެސް ޝަކުވާ ހުށައެޅެ އެވެ.

ޝަކުވާ ބަލައިގަންނާނީ ޝަކުވާ ފޯމަކުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެ އެވެ.