އުރީދޫ

އުރީދޫ އާއި ޓެކްނޮލޮޖީ މިނިސްޓްރީ އިން ޕާޓްނާޝިޕަކަށް

Feb 9, 2021
2

އިންޓަނެޓް ސޭފްޓީ ކެމްޕޭންގެ ދަށުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަން، ކޮމިއުނިކޭޝަންސް ސައެންސް އެންޑް ޓެކްނޮލޮޖީ އާއި އުރީދޫ މޯލްޑިވްސްގެ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ އަމާން މާހައުލެއްގައި އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައު އަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ޓެކްނޮލޮޖީ މެދުވެރިކޮށް އައު ހިދުމަތްތައް ތައާރަފްވަމުން އަންނަ މި ޑިޖިޓަލް ޒަމާނުގައި އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހެއް ދުވަހަކަށް ފުޅާވަމުންދާ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ "ގްލޯބަލް ޕެންޑެމިކް" އާއި ގުޅިގެން ގައިދުރުކަން ދަމަހައްޓަން ޖެހިފައިވުމާއެކު އާންމު ދިރިއުޅުމުގެ ކަންކަން ބަދަލުވެ އިންޓަނެޓް ބޭނުންކުރާވަރު ވަނީ ކުރިއަށް ވުރެ އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީ އަށް މަގު ފަހިކޮށްދޭ ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ގޮސް، ހުރިހާ ބާވަތެއްގެ މައުލޫމާތާއި ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓު ވެގެން ގޮސްފައިވާއިރު، ތަފާތު ގިނަ މައްސަލަ ތަކެއް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުންނުކުރެވިއްޖެނަމަ މެލްވެއާ އާއި ސްޕޭމް އަދި ފިޝިންގް އާއި ސައިބަ ބުލިއިންގްގެ އިތުރުން ބްލެކްމެއިލް ފަދަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށް ވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ކުންފުނިތަކުގެ މަސައްކަތާއި ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް މުޅިންހެން މިކުރަނީ އިންޓަނެޓް މެދުވެރިކޮށް ކަމަށެވެ.

ހުރިހާ ބާވަތެއްގެ މައުލޫމާތެއް އަޅުގަނޑުމެންގެ އިނގިލިކުރިތަކާއި ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު ނުރަނގަޅު އެތައް ކަމަކަށް ވެސް އިންޓަނެޓް މަގުފަހި ކޮށްދޭ ކަމަށެވެ. އެހެންކަމުން މި ކަންކަމަށް ސަމާލުވުން މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެން ކަމުން މިފަދަ ކަންކަން ހުއްޓުވުމަށާއި، މުޖުތަމައު މިފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކުރަންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގައި އުރީދޫ އިން ކުރިއަށް ގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕެއިންގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިވަޑައިގަތުމީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް،" ނަޖީބު ވިދާޅުވި އެވެ.