ލައިފްސްޓައިލް

ޑައިވަރުންތަކެއް ފެހުރިއްސެއް ސަލާމަތްކޮށްފި

ރާއްޖޭގައި އެއް އަތޮޅަކަށް އޮންނަ ހަމައެކެނި ރަށް އަދި ސިޓީ، ފުވައްމުލަކުގެ ފަރިކެޑެ ސަރަހައްދުގައި ހައްޔަރުވެފައި އޮތް ވިއްސަކަށް ފޫޓުގެ ފެހުރިއްސެއް އެ ސަރަހައްދުގައި ފީނަން އުޅުނު ބަޔަކު ސަލާމަތް ކޮށްދީފި އެވެ.

މި ފެހުރިހި ސަލާމަތް ކޮށްދިނީ ފުވައްމުލަކުގައި ޓައިގާ ޝާކް ޑައިވް ސެންޓަރު ހިންގާ އަހުމަދު ނަޝީދާއި އޭނާއެކު މިދިއަ ހޯމަ ދުވަހު ޑައިވިން އަށް ދިޔަ ޓީމެކެވެ.

"ކޮންމެ ދުވަހަކުވެސް ޑައިވް ކުރުމަށް ފަަރިކެޑެ ސަރަހައްދަށް ދަން. ފަތުރުވެރިންތަކެއް ގޮވައިގެން ޑައިވް ކުރުމަށް ފުންމާލީ އިރު ފެނުނީ 20 އަކަށް ފޫޓު ބޮޮޑު ފެހުރިއްސެއް. އެ ފެހުރީގައި އޮތީ ވަރަށް ބޮޑަށް ހިލައަޅާފައިވާ ބޮޑު ޖަމްބޯ ބޭގެއްގެ ވާގަނޑުގައި އެޅި ބާރުވެފައި. ކައިރިއަށް ނުދެވެނީސް އޭތި އަޑިއަށް ދިޔަ. އެ ކޮތަޅުގެ ވާގަނޑު ނެއްޓިގެން އައިސް އޮތީ އޭތި ގައިގައި ވަރަށް ބޮޑަށް އެޅި ބާރުވެފައި. ސަލާމަތް ކުރަން އަތުވޭތޯ ދެ ގަޑިއެއްހާއިރު މަސައްކަަތް ކުރިން. އަނެއްކާވެސް ދެވަނަ ފަހަރަށް އޭތި ފެނުނު. ފެނުނު އިތު ކައިރިއަށް އައިސް މަޑުކޮށްލީ އަދި އޭއްޗަށްވެސް އުޅުނީ އެ އެޅިފައި އޮތް ވާގަނޑާއި ހެދި ވަރަށް ބޮޑަށް އުނދަދޫވެގެން."

ފަރިކެޑެ ސަރަހައްދުގެ 12 ވަރަކަށް މީޓަރުން އަޑިން ފެނުނު މި ބޮޑު ފެހުރިހި އައިސް ބުނިހެން ހީވީ "އަޅޭ ޕްލީސް މީތި ނައްޓާދޭށޭ" ކަމުގައި ނަޝީދު ބުންޏެވެ. އޭނާ އާއި އެކު ޑައިވް ކުރި ފަތުުރުވެރިންވެސް ބޭނުންވީ އެއަށް އެހީވުމަށް އަދި ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ މަސައްކަތުން މިޔަރު މިނިވަން ކުރެވުނު އިރު ބޮޑު ވާގަނޑު ގެ އިތުރުން ދެން ހުރިބައިތައް ނައްޓައެއް ނުލެވުނު ކަމުގައި ނަޝީދު ބުންޏެވެ.

ފުވައްމުލަކު ފަރިކެޑެ ސަރަހައްދުގައި ފެހުރިއްސެއް ސަލާމަތް ކުރަނީ

"އިއްޔެވެސް ޑްރޯން އިން އާއި ސްނޯކްލް ކޮށްގެން ތިން ގަޑި އިރެއްހާ އިރު ބެލިން އެ މިޔަރު އަލުން ފެނޭތޯ. ބޮޑަށް ލަފާ ކުރެވެނީ ދެން އިތުރަށް ހުރި ކުދި ވާތަށް އަމިއްލަ އެއް ނެއްޓޭނެހެން"

ނަޝީދު އާއި އެކީ ޑައިވް ކުރި މީހުން ފެހުރިހީގައި އޮޅިފައިވާ ވާގަނޑު ބުރިކޮށްލާ އޭތި މިނިވަން މި މަންޒަރު ހިމެނޭ ކުޑަ ވީޑިއޯ ކޮޅެއް ނަގާ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވެއެވެ. އަދި ނަޝީދު އިތުރަށް ބުނިގޮތުގައި ކަނޑުގެ ދިރުންތަކަށް ގެއްލުންވާ ގޮތަށް ކަނޑަށް ކުންޏާއި ޕްލާސްޓިކް ނޭޅުމަށް މުހިއްމުވާ ސަބަބަކީ މިއީއެވެ.

" ފުވައްމުލަކު ފަރިކެޑެ ސަރަހައްދަކީ އެކި ވައްތަރުގެ މިޔަރު ބަލާލެވޭ ތަނެއް. މިތަނަށް މިޔަރު ޖަމާވާ އެއް ސަބަބަކީ ޕްލެންކްޓަން އަދި ސަންލައިޓް ހޯދަންކަމަށް ލަފާ ކުރެވޭ. ދުނިޔޭގެ ނަމްބަރ1 ޑައިވް ސްޕޮޓަށް މިތަން ހެދިދާނެ. ވިޒިބިލިޓީ އެހާ ރަނގަޅު. މިތަނަށް އަންނަ ފަތުުރުވެރިން އެބަ ބުނޭ ހުރިހާ ބާވަތެއްގެ މިޔަރު މިތަނުން އެބަ ފެންނަ ކަމަށް. އެކަމު މޫދަށް ކަނޑަށް ކުނި އަޅާ ޕްލާސްޓިކް އަޅާނަމަ ކަނޑުގެ ދިރުން ތަކަށް ގެއްލުންވޭ."

ކަނޑުގެ ދިރުން މުއްސަންދި ފަރިކެޑެއަކީ އެކި ބާވަތްތަކުގެ މިޔަރު ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެތަނުން އާއްމުކޮށް ފެންނަ ދިރުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އެން މަޑި އާއި ފެހުރިހި ވެސް އެ ސަރަހައްދަށް ޖަމާވެ އެވެ. އެ ދިރުންތަކަކީ ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެއް ކަމުން އެ ދިރުންތައް ވިހައި އާލާވުމަށް ހިމާޔާތްކުރީ ތިމާވެށީގެ ގާނޫނުގެ ދަށުންނެވެ.

2014 ގެ ހިސާބުތަކުގައި ދުނިޔޭގެ ކަނޑުތަކުގައި ގާތްގަނޑަކަށް 93،000 އާއި 2،36،000 ޓަނުގެ ޕްލާސްޓިކު ކުނި، ނުވަތަ 15-51 ޓިރިލިއަން މައިކްރޯޕްލާސްޓިކް ޕާޓިކްލްސްވާ ކަމަށް ވަނީ ލަފާކޮށްފައި ވެއެވެ. މައިކްރޯ ޕްލާސްޓިކަށް ބަލާއިރު 80 ޕަސެންޓް މައިކްރޯޕްލާސްޓިކަކީ "ލޭންޑް ބޭސްޑް ސޯސަސް" ނުވަތަ އެއްގަމުގާ ބޭނުންކުރާ ޕްލާސްޓިކު، ޕްލާސްޓިކް ފުޅި އާއި ކޮތަޅުތަކުން ކަނޑަށް ބޭރުވާ ޕްލާސްޓިކެވެ.

މީގެ އިތުރުން "ގޯސްޓް ގިއާ" އަކީ ކަނޑަށް ގެއްލިފައި ނުވަތަ ދޫކޮށްލާފައިވާ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކެވެ. މިފަދަ އާލަތްތަށް ކަނޑަށް ގެއްލޭ ނަމަ މީގެ ސަބަބުން މައިކްރޯޕްލާސްޓިކް އިތުރުވެގެންދާނެ ކަން ޔަގީނެވެ. ކޮންމެ އަހަރަކު މަސްވެރި ކަމުގެ 640000 ޓަނުގެ ގިއަރު ދުނިޔޭގެ ކަނޑަށް އެޅި ކަނޑުތަކުގެ ދިރުމަށް ނުރައްކާވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.