ލައިފްސްޓައިލް

ރީތި އަންހެނުން ފެނި ފިރިހެނުން މޮޔަވުން: ކިހާ ވަރެއްގެ ހަގީގަތެއް؟

ތެދުތެދަށް ދަންނަވަނީ ނަމަ ވަރަށް ގިނަ ފިރިހެނުންނަކީ އަންހެނުންގެ އެކި މަޅީގައި ޖެހި ކެހި ލިބިފައިވާ މީހުންނެވެ. އެކަމަކު މިގޮތަށް ކެއްސެއް ލިބިފައިވާ އެއްވެސް ފިރިހެނަކު އެހާ ފަސޭހައިން އެކަމަކަށް އެއްބަހެއް ވެސް ނުވާނެ އެވެ. އަދި ގިނަ މީހުންނަށް މި ކެއްސެއްގެ އިހްސާސެއް ވެސް ގިނަ ފަހަރަށް ނުކުރެވެނީ އެވެ.

ސަބަބަކީ ބައެއް ފަހަރަށް ފިރިހެނުން މޮޔަކޮށްލުމުގެ އަސްލަކަށް ވެފައި އޮންނަނީ އަންހެނާގެ ރީތިކަން ކަމަށްވާތީ އެވެ.

އަންހެނަކު އާދަޔާހިލާފަށް ރީތިވެ، އެ ރީތިކަމަށް ހިތްކިޔައި ދީވާނާވެ، މި ރީތިކަމެއްގައި ޖެހި ދުނިޔެއިން އެ މީހަކު މޮޔަކޮށްލީމަ ކިޔައިދޭން އޮންނާނީ ވެސް ދެން ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކޮޅުން މޮޔަވެފައި ހުންނަ މީހާ އަކީ އެމީހެއްގެ ހަގީގަތް ގަބޫލުކުރަން ވެސް ބޭނުންވާނެ މީހެއް ނޫނެވެ.

އެހެންވީމަ، ރީތި އަންހެނުން ފެނި ފިރިހެނުން މޮޔަވާ ކަމަށް ބުނާ މި ވާހަކައެއްގައި އޮތީ ކިހާ ވަރެއްގެ ހަގީގަތެއް ހެއްޔެވެ؟ އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ އަންހެނަކަށް ފިރިހެނަކު މޮޔަ ހައްދާލެވިދާނެ ހެއްޔެވެ؟ ނުވަތަ އެ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖާގެ ލޯބި ހާސިލުނުވެގެން ފިރިހެނަކު މޮޔަވެދާނެތޯ އެވެ؟

ރީތި އަންހެނަކާ ބައްދަލުވުމުން ފިރިހެނުންނަށް ވިސްނަން އުނދަގޫވޭ!

މިއީ އެއްގޮތަކަށް ވެސް އަންހެނުންގެ އަވާގައި ޖެހި ނުވަތަ އެމީހުންގެ ރީތިކަމުގައި ޖެހި މޮޔަވެފައި ތިބި ފިރިހެނުންތަކެއް ދައްކާ ވާހަކައެއް ނޫނެވެ. މިއީ 2009 ވަނަ އަހަރު ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގިފައިވާ ކަމެކެވެ.

އެ ދިރާސާ އިން އެނގުނު ކަމަކީ، ރީތި އަންހެނަކާއި ފިރިހެނެއްގެ ހަތަރު ކަޅި ހަމަވުމަށް ފަހު ފިރިހެން މީހާގެ ސިކުނޑީގެ ކޮގްނިޓިވް އޭރިއާ ރަނގަޅަށް މަސައްކަތްނުކުރާ ކަމެކެވެ. ސިކުނޑީގެ މި އޭރިއާ ހަމަ އަށް މަސައްކަތްނުކުރާ ނަމަ ކުރަން ޖެހޭ އެއްކަމެއް ވެސް އެމީހަކަށް އޮންނާނީ ނުކުރެވިފަ އެވެ.

ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމާއި ހަނދާނުގައި ކަމެއް ނުވަތަ ވާހަކައެއް ހަރުލެއްވުމާއި މައްސަލައަކަށް ހައްލެއް ހޯދުން އަދި ކަމަކަށް ނުވަތަ އެއްޗަކަށް ސަމާލުކަން ދީގެން ވާނުވާ ދެނެގަތުމުގެ ގާބިލުކަން ވެސް އުފައްދައި ދެނީ ސިކުނޑީގެ މި ދެންނެވި ކޮގްނިޓިވް އޭރިއާ އިންނެވެ. މި ސަރަހައްދުގެ މަސައްކަތް ހުއްޓުނީމަ ރަނގަޅަކަށް ވާހަކައެއް ވެސް ނުދެއްކޭނެ އެވެ.

މުޅި މީހާ އެއްކޮށް ގަނޑުކޮށްލާނީ އެވެ.

މިހެން ބުނީމަ މަޝްހޫރު ވާހަކަ ލިޔުންތެރިން ކަމުގައިވާ ބިންމާ އިބްރާހިމް ވަހީދާއި ފާތިމަތު ނަހުލާމެންގެ ލޯބީގެ ވާހަކަތަކުގައި ސިފަކޮށްދީފައިވާ މަންޒަރެއްގެ މަތިން ހަނދާންވެދާނެ އެވެ. ނުވަތަ ނިކޮލަސް ސްޕާކްސްގެ ހިތްގައިމު ލޯބީގެ ވާހަކައެއްގައި އަންހެން ކުއްޖެއްގެ ރީތިކަމަށް ފިރިހެނަކު ޣަރަގުވެގެންދާ ގޮތް ލޯ މައްޗަށް ސިފަވެދާނެ އެވެ.

ހަގީގަތަކީ އެފަދަ މަންޒަރުތަކެއް އާންމުކޮށް ސިފަކޮށްދީފައި ވަނީ ލޯބީގެ އެފަދަ ވާހަކަތަކާއި ފިލްމުތަކުގައި ކަމަށް ވިޔަސް އެއީ ހަގީގަތް ކަމެކެވެ. ކަން ހިނގާ ގޮތް ކަމެވެ. ފަހަރެއްގައި އަސްލު ދިރިއުޅުމުގައި އަހަރެމެންނަށް އެކަން އިހްސާސްނުވަނީ އެފަދަ ރީތިކަމެއްގައި ޖެހި ހަމަ ބުއްދި ފިލައިދާތީ ކަމަށް ވެސް ވެދާނެ ނޫން ހެއްޔެވެ؟

ފިރިހެނަކު ރީތި އަންހެނަކާ ބައްދަލުވާ ހިނދު އެމީހެއްގެ ސިކުނޑީގެ ކޮގްނެޓިވް އޭރިއާގެ ހިނގުން ލަސްކޮށްލާ ކަމަށް ނުވަތަ ހުއްޓުވާލާ ކަމަށް ފަހުގެ ދިރާސާތަކުން ވެސް ހާމަވެފައިވެ އެވެ. މީގެ އިތުރުން ފަހުގެ ދިރާސާތަކުން ހޯދާފައިވާ ގޮތުން ރީތި އަންހެނަކާ ބައްދަލުވުމުގެ ކުރިން ވެސް ބައެއް ފިރިހެނުންނަށް މިފަދަ މައްސަލަ ދިމާވެ އެވެ.

މިސާލަކަށް ރީތި އަންހެނަކާ ބައްދަލުކުރަން ހަމަޖެހިފައި އޮތްކަން އެނގި އެ ހިޔާލެއް ބޮލުގައި ހަރުލައިގެން ގޮސް އެންމެފަހުން މީހާގެ ހަމަ ބުއްދި އަށް އޭގެ އަސަރުކުރަން ފަށަނީ އެވެ. މިސާލަކަށް ނުދަންނަ ރީތި އަންހެނަކާ ބައްދަލުވާއިރު ވެސް ފިރިހެނުންގެ ސިކުނޑި އަށް މި މައްސަލަ ދިމާވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

މޮޔަ ހައްދަން ވެސް މޮޅީ އަންހެނުން!

އެކަމަކު އަހަރެމެންނަށް އަބަދުވެސް އަޑު އިވޭނީ ކޮންމެވެސް ފިރިހެނަކު ކޮންމެވެސް އަންހެނަކަށް ލޯބީގައި ކެއްސެއް ދީގެން ނުވަތަ އެ އަންހެން ކުއްޖެއްގެ ހިތް ހަލާކުކޮށްލައިގެން އުޅޭ ވާހަކަ އެވެ. އަންހެން ކުދިން ފިރިހެނުން މޮޔަ ހައްދާ ވާހަކަ އަކީ އެހާ އާންމުކޮށް ދެކެވޭ ވާހަކައެއް ނޫނެވެ.

ނަމަވެސް ފިރިހެނުން މޮޔަ ހައްދައިގެން ދިރިއުޅުމުގެ އުފާ ލިބިގަންނަ އަންހެން ކުދިން ވެސް ދިރަސާތަކަށް ބަލާއިރު ވަރަށް ގިނަ އެވެ. ވަކިން ހާއްސަކޮށް ރީތިކަމެއް ލިބިފައިވާ އަންހެން ކުދިންނަކީ އެ ކުދިންގެ ރީތިކަމަށް ހެއްލި ޢާފިލުވެގެންދާ ފިރިހެނުންގެ ފައިދާ އެތައް ގޮތަކަށް ނަގާ މީހުންނެވެ.

ލޯބީގެ ނާކާމިޔާބު ތަޖުރިބާއެއްގެ ވާހަކަ ހިއްސާކުރި ޒުވާން ފިރިހެން ކުއްޖަކު ބުނީ އޭނާ އެއް އިރެއްގައި ހިތު އަޅައިގެން އުޅުނު އަންހެން ކުއްޖަކު މާ ލޯބިވާ ކަމަށް ހެދިގެން އޭނާ "ފެލައި ހުސްކޮށްލީ" ކަމަށެވެ. ފޯނާއި ސެންޓާއި ހެދުން ގަނެދީގެން ވެސް ހަގީގީ ލޯބީގެ މަލެއް އެ ދެ މީހުންގެ ދެމެދަކު ނުފޮޅުނު ކަމަށެވެ.

އާޚިރުގައި ފިރިހެން ކުއްޖާ އަށް އެނގުނު ހަގީގަތަކީ އަންހެން ކުއްޖާގެ މަކަރުވެރިކަމެވެ. އޭނާގެ މާ ސީރިއަސް "ބިޓެއް" ވެސް އޭރު ހުއްޓެވެ.

މިއީ ޔަގީނަށް ވެސް ވަރަށް ގިނަ ޒުވާން ފިރިހެން ކުދިން އެމީހުންގެ ލޯބީގެ ދަތުރުގައި ކޮށްފައިވާނެ ހިތި ތަޖުރިބާއެކެވެ. ފިރިހެން ކުދިންނަށް ރީތިކަމުގެ ދަޅަ ދައްކައިގެން އެމީހުން މޮޔަކޮށް "ފެލައި ހުސްކޮށްލާ" އަންހެން ކުދިންނަކީ ހަގީގަތަކަށް ވެސް އުޅޭ "ވައްތަރެކެވެ."

ލޯބި ހާސިލުނުވެގެން މީހުން މޮޔަވޭތަ؟

ކާމިޔާބީގެ ފެށުމަކީ ނާކާމިޔާބީ އެވެ. ލޯބީގެ ފެށުމަކީ ނަފުރަތެވެ. މިއީ އާންމުކޮށް މީހުން ބުނެ އުޅޭ ނުވަތަ ދޭ ނަސޭހަތުގައި މި ވާހަކައެއް އޮތް ގޮތެވެ. ލޯބީގެ ވާހަކަތަކާއި ފިލްމުތަކުން ވެސް އާންމުކޮށް ނަގައިދޭ ނުވަތަ ތަމްސީލުކޮށްދޭ ފިލާވަޅަކީ މިއީ އެވެ.

އެކަމަކު ބައެއް މީހުންނަކީ އެމީހުން ބޭނުންވާ ލޯބި ހާސިލުނުވެ ނަފްސާނީ މައްސަލަގަނޑެއްގެ ތެރެއަށް ވަދެ ފުރާނަ އަށް ނުރައްކާވާފަދަ ކަންކަން ވެސް ކުރަން ޖެހިލުން ނުވާ މީހުންނެވެ. ބައެއް މީހުން ލޯބި ހާސިލުނުވެގެން ބުލީޗް ބޮއެފައި އެބަހުއްޓެވެ. ހަތަރެސްފައިގައި ކަޓަރު އަޅައި ލޭ އޮހޮރުވާލާފައި އެބަހުއްޓެވެ. އިމާރާތްތަކުގެ މަތިން ފުންމާލަން މަސައްކަތްކޮށް އެއް ބަޔަކު ދަންޖެހިގެން ވެސް މަރުވެފައި އެބަހުއްޓެވެ.

"ލޯތްބަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކޭ،" ދިވެހި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ އޭނާގެ ލަވައެއްގައި ލޯބި ސިފަކޮށްފައިވާ ގޮތަކީ މިއީ އެވެ.

އޭނާގެ މި ވާހަކަ އަށް މިއަދުގެ ސައިންސް ވެސް ހެކިވެ އެވެ. ސައިންސްވެރިން ބުނަނީ މީހަކު ދެކެ އާދަޔާހިލާފަށް ލޯބިވުމަކީ އެއް ކަމަކަށް މީހެއްގެ ޝައުގުވެރިކަމާއި ސަމާލުކަން ހުއްޓި ދުނިޔޭގެ އެހެން ހުރިހައި ކަމެއް މަތިން ހަނދާން ނެތި ނަފްސާނީ ގޮތުން މީހަކު ހަލާކުކޮށްލަފާނެ ކަމެއް ކަމަށެވެ. އަދި މީހަކު ދެކެ ލޯބިވެވުމަކީ ބާރުގަދަ މަސްތުވާއެއްޗެއް ކަމުގައިވާ ކޮކެއިން ބޭނުންކުރުމުން ސިކުނޑި އަށް އަންނަ ފަދަ ބަދަލުތަކެއް ގެނެސްދޭ ކަމެއް ކަމަށެވެ.

ބައެއް މީހުން ލޯބީގައި ދީވާނާވެ އާވާރާވެ މޮޔަވެ ފުރާނަ ނަގައިލަނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ހަކުރު ބޯން ދެވި ހިފާފައި ހުންނަ މީހާ އަށް ހަކުރުކޮޅެއް ނުލިބި 24 ގަޑިއިރުވެއްޖެ ނަމަ ހީވާނީ އެ މީހަކު ވެސް މަރުވެދާނެ ހެންނެވެ.