އެފްއޭއެމް

ގައުމީ ފުޓްބޯޅަ ސްކޫލް ހިންގަން ސަލްގާޑޯއަށް

ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ ސްކޫލްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ފުޓްބޯޅައިގެ ލެޖެންޑެއް ހަމަޖައްސާފައިވާ ކަމަށް އެފްއޭއެމުން އިއުލާން ކޮށްފި އެވެ

އެފްއޭއެމުން ވަނީ ގައުމީ ފުޓްބޯޅަ ސްކޫލާ ގުޅުން ހުރި ގިނަ ކަންކަންކަމެއްގެ މައުލޫމާތު ރޭ ހާމަ ކޮށްފަ އެވެ. ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ލެޖެންޑަކީ ކޮބައިކަން އެފްއޭއެމުން ހާމަ ނުކުރިނަމަވެސް، ކަށަވަރު ވެފައި ވަނީ އެކެޑެމީ ހިންގުން ހަވާލު ކޮށްފައި ވަނީ، ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގް ހޯދި މިޝޭލް ސަލްގާޑޯ އާ ކަމެވެ.

ސަލްގާޑޯގެ ފުޓްބޯޅަ ސްކޫލެއް އެމިރޭޓްސްގެ ވެރިރަށް ދުބާއީގައި މިހާރުވެސް ހިންގަ އެވެ. އޭނާގެ ޑައިރެކްޓާޝިޕްގެ ދަށުން "ސްޕެނިޝް ސޮކާ ސްކޫލް" ގެ ނަމުގައި ހިންގާ އެ އެކެޑެމީއަކީ ހުޅަނގު އޭޝިއާގެ އެންމެ މަގުބޫލް ފުޓްބޯޅަ ސްކޫލެވެ. ބޯޑިން ސްކޫލެއްގެ ގޮތަށް ގައިމު ކުރާ ފުޓްބޯޅައިގެ ހައި ޕާފޯމަސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭގައި ގާއިމު ކުރާ ސްކޫލުގައި ސަލްގާޑޯގެ ބެލުމުގެ ދަށުން 15 ނުވަތަ 10 ބިދޭސީ ކޯޗުން މަސައްކަތް ކުރާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ފުޓްބޯޅަ ސްކޫލް ހާއްސަ ކޮށްފައި ވަނީ، 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. މިހަފުތާގައި އަވަސްއަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އުމުރުން ހަ އަހަރާއި 21 އަހަރާ ދެމެދުގައި ތިން އުމުރު ފުރައަކަށް ބަހާލައިގެން މުޅި ރާއްޖޭގައި އެކެޑެމީތަކެއް ހިންގުމަށް މިހާރު ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ އަކީ އުމުރުން ހަ އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ އެކެޑެމީތަކެވެ. ދެ ވަނަ ކެޓެގަރީ އަކީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދެވެ. އެ އުމުރު ފުރާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު "ކުރީމް" (ކުޅުންތެރިން) ދެނެގަނެ އެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ރޭ އެފްއޭއެމުން ހާމަ ކުރި މައުލޫމާތުތަކުން ދޭހަ ކޮށްދެނީ، 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާއިން ކްރީމް ކުޅުންތެރިންގެ ތަމްރީންތައް ކުރިއަށް ގެންދާނީ ސަލްގާޑޯ އާއި އޭނާގެ ކޯޗިން ޓީމުގެ ބެލުމުގެ ދަށުން، ގައުމީ ފުޓްބޯޅަ ސްކޫލްގަ އެވެ.

ފުޓްބޯޅަ ސްކޫލަށް ކުރީމް ކުޅުންތެރިން ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އެކެޑެމީއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން 10 އެކެޑެމީ ގާއިމު ކުރާނީ އަތޮޅު ތެރޭގަ އެވެ. އައްޑޫގައި ދެ އެކެޑެމިއެއް ގާއިމު ކުރާނެ އެވެ. މާލެ ސަރަހައްދުގައި އަށް އެކެޑެމީ އެވެ. އެ އެކެޑެމީތަކުން ފާހަގަ ކުރެވޭ އެންމެ ރަނގަޅު 40 ކުޅުންތެރިން ގެންނާނީ ފުޓްބޯޅަ ސްކޫލަށެވެ. އަދި ކޮންމެ އަހަރަކުވެސް ކުޅުންތެރިން ސްކޫލަށް ވައްދާނެ އެވެ.

ފުޓްބޯޅަ ސްކޫލްގެ ފުޓްބޯޅައިގެ ޓްރޭނިން އޮންނާނީ ހެނދުނު އަދި ހަވީރު އެވެ. އެ ދެމެދުގައި ގައުމީ މުގައްރަރުގައިވާ ގޮތުގެ މަތިން ކިޔެވުން އޮންނާނެ އެވެ. ފުޓްބޯޅަ ސްކޫލަށް ހާއްސަ ތައުލީމީ މުގައްރަރެއް އެކުލަވާލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީ އާކު ކުރަމުން ދާ ކަމަށް އެފްއޭއެމުން ބުންޏެވެ. އެ މުގައްރަރުގެ ދަށުން އިސްލާމް ދީނާއި ގައުމީޔައްތުގެ މާއްދާތައް ކިޔަވައި ދޭނެ ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.

ފުޓްބޯޅަ ސްކޫލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. ސްކޫލްގައި ކުދިން ދިރިއުޅެން
ހާއްސަ ކޮށްފައިވާ 24 ކޮޓަރީގެ އިމާރާތް މިހާރުވެސް ވަނީ ނިމިފަ އެވެ.