ހަބަރު

"ސިޔާސީ މަގާމުތަކުގައި 606 މީހުން އެބަތިބި"

ސިޔާސީ މަގާމުގެ ކެޓެގަރީގައި މިވަގުތު 606 މުވައްޒަފުން އެބަތިބި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި މި އަދަދަށް މީހުން ތިބި ނަމަވެސް ހުރިހާ މުވައްޒަފުންނަކީ އެކެޓެގަރީގެ މީހުން ނޫން ކަމަށެވެ.

އެގޮތުން ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންނަކީ ސިވިސް ސާވިސް ކެޓެގަރީން ބޭރުން ބަޖެޓް ކުރާ މުވައްޒަފުން ކަމަށް މަބްރޫކު ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި، ކޮމިއުނިޓީ ސްޓާފުން އަދި ބޭރު ގައުމުތަކުގެ އެމްބަސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވެސް ސިޔާސީ މަގާމުގެ ކެޓެގަރީގައި ތިބޭ މުވައްޒަފުން ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.

"ފާހަގަކޮށްލެވުނު ކޮންމެ އޭރިއާއަކުންވެސް ސަރުކާރުން މުވައްޒަފުން އިތުރުކޮށްފަވޭ. އެމީހުން ހިމެނޭނީ ޕޮލިޓިކަލް އެޕޮއިންޓީސްގެ ކެޓެގަރީގަ." މަބްރޫކް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް މަދުކުރުމާއި، ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ ކުޑަކުރުމަށް ރައީސް ސޯލިހު ވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިދިޔަ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރެވެ.