ހިޔާ މަޝްރޫއު

މޭ/ ޖޫން ހިސާބުގައި ހިޔާ ފްލެޓްތަކަށް ވަދެވޭވަރުވާނެ : މަބްރޫކް

ބޯހިޔާވަހިކަން ހައްލުކުރަން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެޅި 7،000 ފްލެޓަށް މޭ/ޖޫން ހިސާބުގައި ވަދެވޭވަރުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖާމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވި މިހާރު އެ ފްލެޓްތަކަށް ކަރަންޓާ ފެން ގުޅައިދިނުން ފަދަ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

" އަޅުގަނޑަށް އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކުން އަންދާޒާކުރެވެނީ މޭ/ޖޫން ހިސާބުގައި އެތަނަށް ފުރަތަމަ މީހުންނަށް ވަދެވެން ފަށާނެކަމަށް" މަބްރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ ހައުސިން ޕްރޮޖެކްޓްގައި ފުރަތަމަ ތާވަލް ކޮށްފައި އޮތީ 7000 މީހުންނަށް ފްލެޓް ދޭށެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ މަދުކޮށްފަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓު ރިވިއުކޮށް ރޭ ވަނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ.

ކުރިން ފްލެޓް ލިބުނު މީހުން ފަހުން ޑިސްކޮލިފައިވުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ. ޑިސްކޮލިފައިވި މީހުންގެ ތެރޭގައި ވަރަށް ދަތި ހާލުގައި އުޅޭ މީހުންވެސް ހިމެެނެ އެވެ.