ބޯހިޔާވަހިކަން ހައްލުކުރަން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުން އެޅި ފްލެޓްތައް ދަތި ހާލުގައި އުޅޭ ބައެއް މީހުންނަށް ނުލިބުނީ އެއަދަށް ފްލެޓް ނެތުމުން ކަމަށް ފްލެޓް ކޮމެޓީން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމެޓީގެ މުގައްރިރު ތޯހާ މުހައްމަދު ވިދާޅުވީ މިފަހަރު ފްލެޓް ދިން ވަރަށް ދަތި ހާލުގައި އުޅޭ މީހުންނަށްވެސް ފްލެޓް ނުލިބޭ ކަމަށެވެ.
އެ ފަރާތްތަކަށް ފްލެޓް ނުލިބުނީ އެމީހުންނަށް ފްލެޓް ހައްގު ނުވާތީ ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މާބޮޑަށް ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންވެސް ފްލެޓް ނުލިބި ވަނީކީ ނޫން. ވަރަށް ހާލުގައި އޮތް ފަރާތްތަކަށްވެސް ފްލެޓް ނުލިބި އެބައޮތް މި ކްރައިޓީރިއާ އޮތް ގޮތުން. ފްލެޓް ނުލިބި އެވަނީ އެއަދަަށް ފްލެޓް ނެތީމަ. ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް 23،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އަޅުގަނޑުމެންނަށް ލިބިފައިވާއިރު ކޮންމެ ކެޓަގަރީއަކުން ވަކި އެލޮކޭޝަންއެއް ހެދިއިރު ކޮންމެވެސް އެއް ބަޔަަކަށް ފްލެޓް ލިބޭނީ." ތޯހާ ވިދާޅުވި އެވެ.
ފްލެޓް ދިނުމުގައިވެސް ބެލީ އެންމެނަށްވެސް ހަމަހަމަ އުސޫލުން އެއް މިންގަނޑަކުން ފްލެޓް ދިނުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ފްލެޓް ލިބިފައި ތިބި މީހުންނަކީ އޭގެ އެންމެ އެންމެ ހައްގުވެރިންކަން ތޯހާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ ހައުސިން ޕްރޮޖެކްޓްގައި ފުރަތަމަ ތާވަލް ކޮށްފައި އޮތީ 7000 މީހުންނަށް ފްލެޓް ދޭށެވެ. ނަމަވެސް އެ އަދަދު ފަހުން ވަނީ މަދުކޮށްފަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓު ރިވިއުކޮށް ރޭ ވަނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ.
އަލުން ފްލެޓް ލިސްޓު އާންމުކުރިއިރު މާލޭގެ މީހުންނަށް ފްލެޓް ލިބުނު އަދަދު ވަނީ އިތުރުވެފަ އެވެ. ތޯހާ ވިދާޅުވީ އެ ނިންމުމަކީ ސަރުކާރުގެ ކެބިނެޓުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތަށް ކެބިނެޓުން ނިންމީ އެންމެ ގިނަ މީހުން ކުރަމަތިލީ އެ ކަޓަގަރީން ކަމަށްވާތީ ކަމަށް ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވިއެވެ.
"ފަސްހާހަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކެޓަގަރީއެއް މާލެ ކެޓަގަރީއަކީ. އެހެންވީމާ އިތުރުވާ ފުރުސަތުތަކުގެ ތެރެއިން އިތުރުވާ ސްލޮޓްތައް ދާއިމީ ލިސްޓުގައި މާލެ ރައްވެހިންގެ ކެޓަގަރީއަށް ގެނައުމުގެ ވިސްނުން ގެނައުން މި އޮންނަނީ މައިގަނޑު ގޮތެއްްގައި މި ސަބަބާ ހުރެ" މަބްރޫކް ވިދާޅުވި އެވެ.