ވިޔަފާރި

ރާއްޖޭގެ ރަސްމީ ރިޒާވް ހަ ޕަސެންޓް ދަށަށް ގޮސްފި

ރާއްޖޭގެ ރަސްމީ ރިޒާވް އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ މަހު ހަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

ކޮންމެ މަހަކު އެއްފަހަރު ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރޭ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 627.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ މަހާ އަޅާބަލާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މި އަދަދު ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ.

މި އަދަދު ފުދެނީ ރާއްޖެއަށް 4.1 މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) ގެ ގޮތުގައި ހުރީ 212.6 މިލިއަން ޑޮލަރެވެ. އަހަރުން އަހަރަށް ބަލާއިރު މި އަދަދަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ޔޫޒަބަލް ރިޒާވް މިވަނީ 45 ޕަސެންޓް އިތުރުވެފަ އެވެ.