ފޮރިން މިނިސްޓްރީ

އެރިޓްރެއާ އާއެކު ގުޅުން ގާއިމުކޮށްފި

Feb 11, 2021

ދިވެހިރާއްޖެއިން އުތުރު އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރެއާއާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

އެރިޓްރެއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއި ކުރުން އޮތީ އިއްޔެ، ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގަ އެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއި ކުރެއްވީ އެރިޓްރެއާގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ.

ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ، އަދި އިތިއޯޕިއާ އާއި ސޫދާނާއި އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ގައުމެކެވެ.

އެރިޓްރެއާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމުން ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދަކީ 176 އެވެ.