ބޭންކް އޮފް މޯލްޑިވްސް

ޕޭމެންޓް ކޮންފޯމް ކުރަން ވެބްސައިޓުތައް ބޭނުން ނުކުރަން އެދެފި

ތާޑް ޕާޓީ ވެބްސައިޓުތައް ބޭނުން ކޮށްގެން ފައިސާ ދައްކަމުން އަންނަކަން ފާހަގަ ކުރެވޭތީ އެފަދަ ވެބްސައިޓުތައް ބޭނުން ނުކުރަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ.

ގައުމީ ބޭންކް، ބީއެމްއެލް އިން ބުނީ، ބައެއް ވެބްސައިޓުތަކުން ބޭންކުގެ އިންޓަނެޓް ބޭންކިން ބޭނުންކުރަން މަސައްކަތްކޮށް، ތާޑް ޕާޓީ ވެބްސައިޓުތައް މެދުވެރިކޮށް ޓްރާންސްފާތައް ކޮންފާމް ކުރާކަން ބޭންކަށް ފާހަގަ ވެފައިވާ ކަމަށެވެ. އޭގެތެރެއިން ކަށަވަރު އަކީ އެފަދަ ވެބްސައިޓެއް ކަމަށް ވެސް ބުންޏެވެ.

މިފަދަ ވެބްސައިޓުތަކުން ފުރަތަމަ ކަސްޓަމަރުންގެ ނަމާއި ފޯނު ނަންބަރާއި އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށް ދޭން އެދޭ ކަމަށާއި، އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫސާ ނަމާއި ޕާސްވޯޑް ޖެހުމަށް އެދޭ ކަމަށް ބޭންކުން ބުންޏެވެ.

ބެންކުން ބުނީ މިފަދަ ސައިޓުތަކަށް އިންޓަނެޓް ބޭންކިންގެ މައުލޫމާތުތައް ހިއްސާ ނުކުރަން ކަސްޓަމަރުންގެ ކިބައިން އެދޭ ކަމަށެވެ. އިންޓަނެޓް ބޭންކިން އާއި މޯބައިލް އެޕް މެދުވެރިކޮށް ޕޭމެންޓްގެ މުއާމަލާތް ޔަގީން ކުރެވޭނެ ކަމަށާއި، ޕޭމެންޓް ޔަގީން ކުރުމުގެ ނަމުގައި މިފަދަ ވެބްސައިޓުތަކުން މަސައްކަތް ކުރަނީ މަކަރާއި ހީލަތުން ފައިސާ ހޯދަން ކަމަށެވެ.

އެހެން ފަރާތްތަކުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ބޭނުން ކުރުމާއި ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވަން ބެންކުން ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތްތަކާއެކު މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން އެ މައުލޫމާތު ރައްކާތެރިކުރުމަށް ބެންކުން އަޅާފައިވާ ފިޔަވަޅުތަކަށް ނޭދެވޭ އަސަރު ކުރާކަމަށް ވެސް ބެންކުން ބުންޏެވެ.