ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ ޕާސްޕޯޓް ދޫކުރީ ރަނގަޅަކަށް ނޫން: ޕީޖީ

Feb 11, 2021
9

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި މައްސަލާގައި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރެއް ކުރީ ރަނގަޅަށް ނޫން ކަމަށާއި ކޯޓުގެ އެ ނިންމުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދާނެ ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގިނަ ވާހަކަތަކެއް ދައްކައިފި އެވެ.

އަލީ އިނގިރޭސި ވިލާތަށް ފުރުވާލުމުން މުޅި ދައުތަލާއި ސަރުކާރަށް އެތައް ފާޑު ކިޔުމެއް އަމާޒުވެފައި ވަނިކޮށް މި މައްސަލާގައި ޕީޖީ އޮފީހުން އެއް ދުވަސް ފަހުން ވާހަކަތަކެއް ތިލަ ކުރެއްވީ ދިގު ބަޔާނެއް މެދުވެރިކޮށެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމުރުތައް ނެރުމުގައި ކްރިމިނަލް ކޯޓުން އާދަވެ އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން މަސައްކަތް ކުރާއިރު އަލީގެ ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކޭ ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އެ ނިންމެވުން އިސްތިއުނާފު ކުރުމާމެދުމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.