އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އަނެއްކާ އާ ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ނިހާންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު ހަމަވެފައިވާތީ އަނެއްކާވެސް މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ.
އެކަމާ ގުޅިގެން ޝަރީއަތުގައި ނިހާނު ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ރާއްޖެ ދޫކޮށް އޭނާ ނުދާނެ ކަމަށެވެ. އެހެން ކަމުން ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ނިހާނު ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ.
މިއަދުގެ ޝަރީއަތުގައި ނިހާނުގެ ދިފާއުގައި އެއްވެސް ވަކީލަކު ބައިވެރިވެފައި ނުވާތީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކުގައި ތޯ އޭނާއާއި ވަނީ ސުވާލުކޮށްފަ އެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ބައިވަރު ލިޔެކިޔުންތައް އެކުލެވޭ މައްސަލައަކަށް ވުމުން ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
އެހެންނަމަވެސް ގާޒީ ވިދާޅުވީ، ވަކީލަކު ހަމަޖައްސަން ދެވެން އޮންނާނީ 10 ދުވަސް ކަމަށާއި 10 ދުވަހުގެ މުއްދަތެއް މިހާރު ދީފައިވާ ކަމަށެވެ.
ނިހާންގެ ޕާސްޕޯޓު ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭރުވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.