ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 18)

"ކިހިނެއްތަވީ؟" ހައުލާއަށް ބަލައިލަމުން މިފްރާހު އަހައިލިއެވެ.

"ނުވޭ ކަމެއް.." އުފާވެރި ކަމާއި އެކު ހައުލާ ވާހަކަ ދެއްކިއެވެ.

"އަހަރެން ހީކުރީ ކަމެއްވީ ކަމަށް.. ތިވަރަށް ބަލަން އިނީމަ.. މައު ވެސް ސައި ބޯން ވީނު؟" މިފްރާހު ސައިތަށި ނަގަމުން ބުނެލިއެވެ.

***

މިފްޒާލް ސައިކަލަށް އަރައި ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. ޙަޤީޤަތުގައި މިފްޒާލަކަށް އޭނާއަށް ކުރަން އުޅޭ ކަމެއް ވެސް، އޭނާ ދާން އުޅޭ މިސްރާބެއް ވެސް ނޭނގެއެވެ. ތަސްބީނާ ބުންޏަސް، މިއީ ކުރަން ފަސޭހަ ނޫން ކަމެއްކަން މިފްޒާލަށް އިޙްސާސްވެއެވެ. ޒީނާ ބޭނުން ކޮށްގެން ވެސް ދެން މިކަމެއް ނުވާނެއެވެ. އެއީ ލިއުޝާމެންގެ ކުރިމަތީގައި ޒީނާގެ އަގެއް މިހާރު ނޯންނާނެ ކަން މިފްޒާލަށް އެނގޭތީއެވެ. ކޮންމެ ގޮތެއް ވިޔަސް މިފްޒާލް އަދިވެސް ކަރު އެލުވައެއް ނުލައެވެ. މިސްރާބެއް ނެތަސް، ދާނެ މަންޒިލަކީ ކޮބައިކަން ނޭނގުނަސް، މިފްޒާލް ހުރީ އަތް އޮޅައިލައިގެން ހުއްޓިގެން ހުންނަން ބޭނުން ނުވެފައެވެ. ވަގުތު ކޮޅަކު ސައިކަލުގައި އިނުމަށްފަހު، މިފްޒާލް ބަލައިލީ އޭނާގެ އަތުގައިވާ ކޮތަޅަށެވެ.

"ދާންވީ ލިއުޝާމެންގެ ގެއަށް.. މިހެން ހުއްޓަސް އަލި މަގެއް ނުފެންނާނެ.." މިފްޒާލް އަމިއްލަ ނަފުސާ ވާހަކަދައްކައިލަމުން، ސައިކަލު ސްޓާރޓު ކޮށްލިއެވެ.

***

ހެނދުނުގެ ނާސްތާއަށް ފަހު، ލިއުޝާ އަވަސްވެ ގަތީ ޑިއުޓީއަށް ދާށެވެ. އަތް ދަބަސް ކޮނޑުގައި އަޅުވައިލައިގެން ލިއުޝާ ހައިޝަމަށް ގޮވައިލިއެވެ.

"ދާންވީ ދޯ؟" ހައިޝަމް ކޮޓަރިން ނުކުތީ އޭނާގެ ބޯ ރީތި ކުރަމުންނެވެ.

"އާނ. ހިނގާ!" ލިއުޝާގެ އަތުކުރީގައި އިން ގަޑިއަށް ކަޅިއެއް ދެމުން، އަވަސްކޮށް ބުނެލިއެވެ. އެއާއި އެކު ހައިޝަމް އާއި ލިއުޝާ އެގެއިން ނުކުތެވެ.

***

"ދަރިފުޅާ.. ދަރިފުޅާ ޒީނާ.." ޒުހުދާ ގެންދިޔައީ ދޮރުގައި ޓަކި ދެމުންނެވެ.

"ބަލަ ދަރިފުޅާ.. މި ދޮރު ހުޅުވާލަބަ! ދަރިފުޅާ ޒީނާ.." ޒީނާގެ ޚަބަރެއް ނުވުމުން ޒުހުދާ ގެންދިޔައީ ދޮރުގައި ތަޅަމުންނެވެ. ނަމަވެސް އެއްވެސް އަޑެއް ބަޑެއް ކޮޓަރިތެރެއަކުން ނީއްވެއެވެ. ޒުހުދާ އިންތިހާއަށް ހާސްވިއެވެ. ހިތް ތެޅެން ފެށިއެވެ. އެންމެ ފަހުން ޒުހުދާ ނިންމީ ދޮރު ހަލާކު ކޮށްލާށެވެ. ޒުހުދާއަށް އެކަނި އެކަން ނުވާނެތީ، އޭނާ ދިޔައީ އެގޭގެ އެހެން ފުލޯއެއްގައި ދިިރިއުޅެމުންދާ ބައެއްގެ އެހީތެރިކަން ހޯދާށެވެ.

***

"ގުޅާނަން އިނގޭ ނިންމާފަ.. ލަވް ޔޫ.." ލިއުޝާ ސައިކަލުން ފައިބަމުން، ބަލައިލީ ހައިޝަމްގެ މޫނަށެވެ.

"އާނ.. ލަވް ޔޫ ޓޫ.." ހައިޝަމް ހިނިތުންވެލިއެވެ. ލިއުޝާ ހިނގާފައި ގޮސް ހޮސްޕިޓަލްގެ ތެރެއަށް ވަނުމާއި އެކު، އޭނާގެ ދެލޯ ބޮޑުވިއެވެ. އެންމެ ފުރަތަމަ ވެސް ލިއުޝާގެ ލޮލުގައި އަޅައިގަތީ ޒަޔާނެވެ.

"ޒަޔާން.." ލިއުޝާގެ ފިޔަވަޅުތަކަށް ހަލުވި ކަމެއް އައެވެ.

"ލިއު ދައްތާ.." ލިއުޝާ އެދުނު ގޮތަށް، ޒަޔާން ގޮވައިލިއެވެ.

"ޒަޔާން.. ކިހިނެއްތަ ވީ؟ ހޮސްޕިޓަލްގަ ކީއްތަ ކުރަނީ؟" ލިއުޝާ އަވަސްކޮށް އަހައިލިއެވެ. ޒަޔާން އެއްވެސް އެއްޗެއް ނުބުނެ ލިއުޝާއަށް ބަލަން ހުއްޓެވެ.

"ކިހިނެއްތަވީ؟ ކީއްވެތަ ލިއު ދައްތަ އަށް ނުގުޅީ؟ ބަލީތަ؟" ލިއުޝާ ގެންދިޔައީ ފުލުފުލުގައި ސުވާލުތައް އޮއްސަމުންނެވެ.

"ނޫނޭ ދައްތާ! އަހަރެން އޯކޭ.. މަންމަ.." ޒަޔާން ހިންދިރުވައިލިއެވެ. ލިއުޝާ ހައިރާންވާ ފަދަ ގޮތެއް މޫނަށް ޖައްސައިލިއެވެ. ޒަޔާން މަންމަ ކިޔަނީ އޭނާ އުޅޭ ގޭގައި ހުންނަ ހަދީޖާއަށްކަން ލިއުޝާއަށް އެނގެއެވެ.

"މަންމަ ކިހިނެއްވީ؟ ބުނެބަލަ!" ލިއުޝާ ހިފައިލީ ޒަޔާންގެ އަތުގައެވެ.

"މަންމައަށް ހާޓު އެޓޭކެއް ޖެހުނީ.. ރޭގަ. އެެހެންވެ ރޭގަ އައި ގޮތަށް މީނީ.." ޒަޔާން އިސްޖެހިއެވެ.

"އަޅޭ! ސޯ ސޭޑް.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. ކޮބާތަ މަންމަ މިހާރު؟" ލިއުޝާ އެެހެން ބުނެ، ޒަޔާންއާ އެކުގައި ހިނގައިގަތީ ހަދީޖާ ބާއްވައިފައި އޮތް ވާރޑަށް ދިޔުމަށެވެ.

***

"އަހަންނަށް ހެޔޮ ދޮރު ހަލާކުކޮށް، ފުނޑާ ލިޔަސް.." ޒުހުދާގެ ނޭވާ ވަނީ އަވަސްވެފައެވެ.
"އަހަރެން ބޭނުމީ އަހަރެންގެ ދަރީގެ ޚަބަރެއް ބަލަން.." ޒުހުދާ ހިތްދަތި ގޮތަކަށް އެހެން ބުނެ ބަލައިލީ އޭނާގެ ގާތުގައި ހުރި ފިރިހެން މީހާއަށެވެ.

"އެންމެ ރަނގަޅު.." އެ މީހާ އެހެން ބުނެ ނިކަން ބާރަށް ދޮރުގައި ފައިން ޖެހިއެވެ. ޒުހުދާ އަށް ފަހަތަށް ޖެހެވުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ. 4 ވަނަ ފަހަރަށް ޖެހި އިރަށް ދޮރު ދިޔައީ އިރައިގެންނެވެ. ތަޅު ނެއްޓިގެން ގޮސް ކޮޓަރި ތެރެއަށް ތަޅު ވިއްސައިގެން ދިޔައެވެ.

"އަހަރެންގެ ދަރިފުޅާ.. ޒީނާ.. އަހަރެންގެ ދަރި.." ޒުހުދާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ޒީނާ އޮތް އެނދުގައި ހުރި ލޭތަކެވެ. ޒީނާގެ އަނގަ މަތީގައި ލޭތައް ވަނީ ހިކިފައެވެ. އޭނާގެ ބޯދަށުގައި އޮތް ބާލިހުން ކޭއްތިގެން ގޮސް، ބެޑްޝީޓަށް ވެސް ވަނީ ލޭގެ އަސަރުކޮށްފައެވެ.

"ދަރިފުޅާ.. ޒީނާ.." ޒުހުދާ އަޑުގެ ނެތް ކޮޅަށް ރޮމުން ދިޔައިރު، ހަދާނެގޮތް ނޭނގިފައި އެ ފިރިހެން މީހާާ ހުރީ ދޮރު ކުރިމަތީގައި ބަލާށެވެ. ޒީނާގެ ކޮނޑުގައި ހިފައި ތަޅުވަމުން ދިޔަ ޒުހުދާއަށް ވަނީ ފުން، ހިތްދަތި އަސަރުތަކެއް ކޮށްފައެވެ. ކުއްލިއަކަށް ފެނުނު މަންޒަރުން ޒުހުދާގެ ހުޅުވިފައިވާ އަނގަ މަޑުމަޑުން ލެއްޕުނެވެ. އަދި ދެ ތުންފަތް ޖެހި ހީވީ ތަތްވިހެންނެވެ. ޒުހުދާގެ ދަތްދޮޅި ތެޅެން ފެށިއެވެ. ޒުހުދާއަށް ކުރުވަމުން ދިޔައީ އާދަޔާ ޚިލާފު އިޙްސާސެކެވެ. މީހާ ވަނީ މުޅިން ގަނޑުވެފައެވެ. ޒުހުދާގެ ލޮލުން އޭރު ވެސް ކަރުނަތައް ފެއިބި އެއް ކަމަކު، އެ ކަރުނައިގައި އެއްވެސް ހިއްސެއް، އަސަރެއް ނެތް ފަދައެެވެ.

"ނޫން...." ޒުހުދާގެ ހިތް ހީވީ ކުދިކުދިވި ހެންނެވެ. ޒީނާގެ ބޯދަށުގައި އޮތް ބާލިހުގެ ކަނާއަތް ފަރާތަށް ވެއްޓިފައި އޮތީ ބޭސް ކާޑެކެވެ. ކުއްލިއަކަށް ޒުހުދާ ކޮޅަށް ތެދުވިއެވެ. އެއާއި އެކު ޒުހުދާ ހުރި ތަނަށް ހޭނެތިގެން ވެއްޓުނެވެ. ދޮރު ކުރިމަތީގައި ހުރި މީހާއަށް ކުއްލިއަކަށް ފިޔަވަޅެއް ނެގުނެވެ. އަދި ވަަރަށް ބާރަށް އައިސް ޒުހުދާގެ އަތުގައި ހިފައިލަމުން، އެނދުގައި އޮތް ޒީނާއަށް ބަލައިލިއެވެ.

"މީހެކޭ.. މީހެކޭ.. މީހެކޭ.." އަޑު ނެތްކޮޅަށް އެމީހާ ގޮވަން ފެށިއެވެ. އެވަގުތު އެމީހާ ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

***

އަދިވެސް މިފްޒާލް ގެންދިޔައީ ސައިކަލު ދުއްވަމުންނެވެ. ލިއުޝާ ދިރިއުޅޭ ގޭ ކުރިމަތިން އެތައް ފަހަރަކު މިފްޒާލަށް ހުރަސް ކުރުވެއްޖެއެވެ. ނަމަވެސް ކުރެވޭ ކަންތަކުގެ ޔަޤީން ކަމެއް މިފްޒާލަކަށް ނޯވެއެވެ.

"އަހަރެންނަށް ކިހިނެއްތަ މި ވަނީ؟" ކުއްލިއަކަށް މިފްޒާލް ސައިކަލް މަޑުކޮށްލީ މަޖީދީމަގުުގެ ޑައިންމޯރ ކުރިމަތީގައެވެ. ކޮންމެ ވެސް ބުނެ ދޭން ނޭނގޭ އުނދަގޫ އިޙްސާސެއް މިފްޒާލަށް ވަމުންދާކަން އޭނާއަށް ރޭކައިލިއެވެ. މުޅި ގައި ހިރުވާ ގޮތްވެ، ސިކުނޑިއަށް ބުރަ ވަނީއެވެ. އެތައް ފަހަރަކު އުނދަގޫ ވާންހެން ހީވި ކަމަކު، މިފްޒާލް ބެލީ އެއީ ހީއެއްގެ ގޮތުގައެވެ. އަދި އެކަމަށް ކުރީ ކެތެވެ. ނަމަވެސް މުޅި ގަޔަށް އަޅާ ވޭނާ، ސިކުނޑީގެ ބަރުކަން އިންތިހާ ދަރަޖައަށް ދިޔުމުން މިފްޒާލް ކުއްލިއަކަށް ސައިކަލު މަޑުކޮށްލިއެވެ. އިތުރަށް ކެތް ކުރުން ކުޅަދާނަ ކަމަކަށް ނުވީމައެވެ.

"މިފްޒާލް.." މިފްޒާލް ސިއްސައިގެން ދިޔައެވެ. އެއީ ލިއުޝާގެ އަޑު ނޫން އިތުރު ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އަޑު އައީ ސީދާ ސައިކަލުގެ ފަހަތު ސީޓުންނެވެ. މިފްޒާލްގެ ކަންފަތް ދޮށުގައި އެ އަޑު ބީހިގެން ދިޔައީ ލިއުޝާގެ ތުުންފަތާއި އެކުގައި، އެހާ ގާތުންކަން މިފްޒާލަށް އިޙްސާސް ވިއެވެ. މިފްޒާލް ކުއްލިއަކަށް ބޯ އަނބުރައި ފަހަތް ބަލައިލިއެވެ. އެއާއި އެކު މިފްޒާލް ސައިކަލާއި އެކު މަގުމައްޗަށް ވެއްޓި، ދެމުނެވެ.

***

"އަހަރެންނަށް ނޭނގެ މައު ނެތް ނަމަ އަހަރެންގެ ލައިފް އޮންނާނެ ގޮތެއް ވެސް.. ވަރަށް އެކަނިވެރި ވާނެ އަހަރެން.. އަހަރެން ވަރަށް އުފާވޭ. މައު އަހަރެންގެ ސައިޑުގަ ހުންނާތީ.. އަދި މައުގެ އަޑު އިވުނަސް، އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އަހަރެންނަށް ހީވަނީ އަހަރެންގެ ހައުލާ އަހަރެންގެ ދާދި ގާތުގަ އެބަވާހެން.." މިފްރާހު ހިނިތުންވުމަކާއި ބުނެލިއެވެ.

"ހެހެ. ތިވަރަށް ތައުރީ..." ހައުލާގެ ޖުމުލަ ފުރިހަމަ ނުވަނީސް މިފްރާހު އޭނާގެ ފޯނު ނެގީ މީހަކު ގުޅަމުން ދިޔުމުންނެވެ.

"ހަލޯ.." މިފްރާހު ފޯނަށް ޖަވާބު ދިނީ ހައުލާގެ ގާތުގައި މަޑު ކުރުމަށް އެދެމުންނެވެ.

"މީ ޝިޔާދު.. މިފްޒާލްގެ ބެސްޓު ފުރެންޑު.." ޝިޔާދުގެ އަޑު އިވިފައި މިފްރާހު ޖެހިލުންވިއެވެ. ކިހިނެއްވީތޯ އަހަން ނުކެރިި، މިފްރާހު ހިމޭން ވިއެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށްފަހު، ޝިޔާދު ވާހަކަދައްކަން ފެށިއެވެ. ޝިޔާދު ބުނި ޖުމުލައިން މިފްރާހަށް ލިބުނީ ބޮޑު ޝޮކެކެވެ. މިފްރާހުގެ އަތުން ފޯނު ދޫވެގެން ގޮސް، ތަށިމުށިގަނޑު މައްޗަށް ފޯނު ވެއްޓުނެވެ.

"ކިހިނެއްތަ ވީ؟" ހައުލާއަށް ތެޅެގަނެވުނެވެ.

"ކޮއްކޮ.." މިފްރާހަށް ބުނެވުނީ އެވަރަށެވެ. އެއާއި އެކު ހައުލާއަށް ހުއްޓުން އެރިއެވެ. ވަގުތުން ހައުލާގެ ސިކުނޑީގަ ހަރުލީ މިފްޒާލް ހިންގަން އުޅުނު ސިހުރުގެ ޖަރީމާ އެވެ. މިފްރާހުގެ ކަންބޮޑުވުން ފެނުމުން ހައުލާ ދެރަ ވިޔަސް، އެކަމަކީ މިފްޒާލަށް ލިބުނު ދެރައެއް ކަމުން، ހައުލާގެ ހިތަށް ލިބުނީ ޝިފާއެކެވެ. މިފްރާހު ވަރަށް އަވަސްކޮށް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. މިފްރާހުގެ ފަހަތުން ހައުލާ ވެސް ނުކުތެވެ.

***
"ހިތްވަރު ކުރަން ވާނެ.. ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.." ޒަޔާންގެ ބޮލުގައި ފިރުމައިލަމުން ލިއުޝާ ބަލައިލީ ހޮސްޕިޓަލްގެ އެނދުގައި ނިދާފައި އޮތް ހަދީޖާއަށެވެ.

"އަހަރެން އަދި އަންނާނަން. އަޕްޑޭޓް މީ އިނގޭ.." ލިއުޝާ އެހެން ބުނެ، އެތަނުން ނުކުމެ ވުނީ ޝިޔާދުގެ ކުރިމައްޗަށެވެ.

"ޝިޔާދު؟ ކިހިނެއް ވެފަ؟" ޝިޔާދު ފެނުމާއި އެކު، ލިއުޝާއަށް ލިބުނީ ހައިރާން ކަމެކެވެ. ޝިޔާދުގެ މޫނުމަތިން ފެންނަނީ ވަރަށް ވަރުބަލި ކަމެވެ.

"ލިއުއަށް ނޭނގޭތަ؟" މާނޭވާ ލަމުން ޝިޔާދު އަހައިލިއެވެ.

"ކޮން ކަމެއް؟" ލިއުޝާ އެއްވެސް ކަމެއް ވެގެން އުޅޭ ކަމެއް ނޭނގޭ ފަދަ ގޮތަކަށް އޭނާާ ސުވާލު ކޮށްލިއެވެ.

"މިފްޒާލް ސައިކަލުން ވެއްޓިގެން ހޮސްޕިޓަލަށް ގެނެސްގެން.. އަދި ޒީނާ ވެސް އެބަ އޮތް ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ. ޒީނާގެ މަންމަ ވެސް.." ޝިޔާދު ހާސް ކަމާއި، އުދާހުން ފުރިގެންވާ ފަދަ ގޮތަކަށް ބުނެލިއެވެ.

"ކިހިނެއްވީ... ޒީނާއަށް؟" ލިއުޝާ އަށް ކިތަންމެ ނުބައިކޮށް އެމީހުން ކަންތައް ކުރި ކަމުގައި ވިޔަސް، ލިއުޝާ އަށް އެ ލިބުނު ޚަބަރުން އޭނާއަށް ހައިރާންކަން ގެނުވިއެވެ.

"ޒީ އަމިއްލައަށް މަރުވާން ބޭސް ކެއި.. އެކަމާ އޭނަ މަންމަ ހޭނެތުނީ.." ޝިޔާދު އެބުނި ވާހަަކައިން ލިއުޝާގެ ދެލޯ ބޮޑުވިއެވެ.

"ބަޓް ވައި؟" ލިއުޝާ ހުއްޓުން އެރިއެވެ. (ނުނިމޭ)