ޓޫރިޒަމް

ރާއްޖެއަށް 28 އެއާލައިނަކުން ދަތުރު ފަށައިފި

ރާއްޖެއަށް މިހާތަނަށް 28 އެއާލައިނަކުން ދަތުރު ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް ދަތުރު ކުރާ 28 އެއާލައިންގެ ތެރެއިން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދީފައި ވަނީ އެމިރޭޓްސް އިންނެވެ.

އެމިރޭޓްސް އިން 300 ފްލައިޓް މޫވްމެންޓް ރާއްޖެއަށް އަޅާފައިވާއިރު، މިހާތަނަށް 24،974 ޓޫރިސްޓުން ގެނެސްދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މީހުން ގެނެސްދީފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 266 ފްލައިޓް އަޅައި 17،013 މީހުން ގެނެސްދީފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ފްލައިޓް އެޅި އިންޑިއާގެ އިންޑިގޯ އިން 228 ފްލައިޓް އަޅައި 15،542 މީހުން ވަނީ ރާއްޖެ ގެނެސްދީފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓުތަކަށް ބަލާއިރު އެންމެ ގިނައިން މީހުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ޓޫރިޒަމްގެ 22.2 ޕަސެންޓް ހިއްސާ ކޮށްފައިވާއިރު، ޖުމްލަ 27،041 މީހުން ވަނީ ގެނެސްދީފަ އެވެ. އަދި ދެވަނަ މާކެޓަކީ އިންޑިއާ އެވެ. އެ ގައުމުން ޓޫރިޒަމްގެ 21.6 ޕަސެންޓް ހިއްސާކޮށް، 26،292 ޓޫރިސްޓުން އައެވެ.