ބޮލީވުޑް

ބޮޑުބޭބެ ރަޖީވްގެ ކުއްލި މަރުން ރަންބީރު ހިތްހަލާކުވެފައި

ކަޕޫރު އާއިލާގެ ހުރިހާ އެންމެންގެ ތެރެއިން ވެސް ރަޖީވް ކަޕޫރު (ޗިމްޕޫ) އާ އެންމެ ގާތް ގުޅުމެއް އޮތީ އޭނާއަށް ބޮޑުބޭބެ ކިޔާ ރަންބީރު ކަޕޫރާ އެވެ.

ރަޖީވަކީ ވަރަށް ބަސް މަދު އަދި އެކަނިވެރި ކަމަށް ލޯބިކުރާ މީހެކެވެ. ނަމަވެސް އޭނާގެ ހިތުގައިވާ ހުރިހާ އުދާސްތަކެއް އޭނާ އަބަދުވެސް ރަންބީރަށް ކިޔައިދެ އެވެ. އެ ދެ މީހުން ބައްދަލުވާ ހަމަ ކޮންމެ ފަހަރަކު ވެސް ދެ މީހުންގެ ހަޔާތުގެ ހުރިހާ ސަފުހާތަކެއް އެކަކު އަނެކަކަށް ހުޅުވާލަ ދެއެވެ.

ކަޕޫރު އާއިލާގެ އެކުވެރިއަކު ކިޔައިދިން ގޮތުގައި ރަޖީވް އާއި ރަންބީރުގެ އޮންނަނީ ބޮޑުބޭބެއަކާއި ބޮޑުބޭބެ ދަރިއެއްގެ ގުޅުމަށްވުރެ މާ ގާތް ގުޅުމެކެވެ. ބައްޕަ ރިޝީ ކަޕޫރަށްވުރެ ވެސް ރަންބީރު މާ ބޮޑަށް އޭނާގެ ބޮޑުބޭބެ ގާތެވެ.

ރިޝީ މަރުވުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުން ރަންބީރު އާއި ރިޝީގެ ގުޅުން ރަނގަޅު ވެގެން ދިޔަ ނަމަވެސް އޭގެ ކުރިން ރަންބީރު ބޮޑަށް ގުޅުން ބާއްވަމުން ދިޔައީ ރަޖީވް އާއެވެ.

"ޗިމްޕޫ އަންކަލް" އާއެކު ރަންބީރު ބޭނުން ވާހަކައެއް ދައްކަ އެވެ. އޭނާގެ ހިތުގައި އޮންނަ ހުރިހާ އުދާޙެއް ބަންޑުން ކޮށްލަ އެވެ. އެހެންވެ ރަޖީވްގެ ވަކިވެ ދިއުމަކީ ރަންބީރަށް ބަރުދާސްތު ކުރެވޭ ވަރަށް ވުރެ ހިތްދަތި ކަމަކަށް ވަނީ ވެފަ އެވެ. ބޮޑުބޭބެގެ ހަނދާންތަކުން ރަންބީރުގެ ހިތް ވަނީ ކުދިކުދިވެފައި ކަމަށް އާއިލާގެ އެކުވެރިޔާ އިންޑިޔާގެ ނޫހަކަށް ކިޔައިދީފައި ވެއެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި ބައްޕަ ރިޝީ މަރުވެ އަދި މިއަހަރު ބޮޑުބޭބެގެ ކުއްލި މަރުވުމަކީ ރަންބީރުގެ ހިތާމަތަކުގެ މައްޗަށް އިތުރުވި ބޮޑު ހިތާމަ އެކެވެ. ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓް އާ ވެސް އޭނާގެ ބޮޑުބޭބެ ރަޖީވް އާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ވެއެވެ. ރަޖީވް މަރުވި ހަބަރު ލިބުނުއިރު އާލިއާ ހުރީ ދައްތަ ޝާހީން އާއި ދެ އެކުވެރިއަކާއެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިހެވެ. މި ޚަބަރު ލިބުމާއެކު ވަގުތުން އޭނާ ވަނީ ފުރައިގެން މުމްބާއީއަށް ގޮސް ރަޖީވްގެ ޖަނާޒާގެ ކަންތައްތަކުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

ހާޓް އެޓޭކެއް ޖެހިގެން ރަޖީވް، 59، މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ މަރުވުމުން ރަންބީރުގެ އިތުރުން ބޭބެ ރަންދީރު ކަޕޫރަށް ވެސް ވަނީ ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ.

ރަންދީރު ބުނިގޮތުގައި އެއްބަނޑު އެއްބަފާ ތިން ބެއިން ފާއިތުވީ އަހަރެއްހާ ދުވަސް ތެރޭ މަރުވުމުން އޭނާވަނީ ވަރަށް ބޮޑަށް އެކަނިވެރިވެ ހިތްދަތި ވެފަ އެވެ.

ރަންދީރު އާއި ރިޝީ އަދި ރަޖީވް އަކީ މަޝްހޫރު އެކްޓަރު-ޑައިރެކްޓަރު ރާޖް ކަޕޫރުގެ ތިން ފިރިހެން ދަރިންނެވެ. އޭނާގެ ދެން ތިބެނީ ދެ އަންހެން ދަރިންނެވެ. އެއީ ރީތޫ އާއި ރީމާ އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ މަރުވީ ރިޝީ އެވެ. އޭނާ މަރުވީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރީތޫ ވެސް ވަނީ މަރުވެފަ އެވެ. މި ދެ މީހުން ވެސް މަރުވީ ކެންސަރު ބަލީގަ އެވެ. އަދި ރަޖީވް މަރުވުމުން މިހާރު ދުނިޔޭގައި ތިބީ ރަންދީރު އާއި ރީމާ އެކަންޏެވެ.