ރާއްޖެ ކުޅިވަރު

އަފްނާން އާއި ޝަހުރުނާޒް އިންޑިޔާ އަށް

އޮލިމްޕިކް ކޮމިޓީން ހޯދައިދިން ސްކޮލާޝިޕެއްގައި ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު އަފްނާން ރަޝީދާއި އާމިނަތު ޝަހުރުނާޒް އިންޑިޔާ އަށް ފުރައިފި އެވެ.

ގައުމީ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައިވާ މި ދެ ކުޅުންތެރިން އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ތޯމަސް އެކަޑަމީގައި އެއް އަހަރު ވަންދެން ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ.

އިންޑިޔާ އަށް ފުރުމުގެ ކުރިން އަފްނާން މިއަދު ބުނީ މިއީ އޭނާގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މީގެ ސަބަބުން އިތުރަށް ބެޑްމިންޓަންގައި ކުރިއަށްދާން ފުރުސަތު ލިބިގެންދާނެ. އިތުރަށް މޮޅު ކުޅުންތެރިއަކަށް ވުމަށް ވެސް ފުރުސަތު ލިބިގެންދާނެ މީގެ ބޭނުން ރަނގަޅަށް ހިފައިފިއްޔާ. ވަރަށް އުފާވޭ ހާއްސަކޮށް ގައުމީ މުބާރާތް
ކުރިއަށް އޮއްވައި މިފަދަ ފުރުސަތެއް ލިބުމުން،" މިދިޔަ އަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަފްނާން ބުންޏެވެ.

ޝަހުރުނާޒް ބުނީ އިންޑިޔާއިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނާ މަސައްކަތް ކުރާނީ މޮޅު ކުޅުންތެރިއަކަށްވުމަށް މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ކަމަށެވެ.

"މޮޅު ކުޅުންތެރިއަކަށް ވެވޭނީ މިކަހަލަ ޓްރޭނިންތައް ލިބިގެން. މަސައްކަތް ކުރާނީ މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން. މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ޝަހުރުނާޒް ބުންޏެވެ.