ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައަޅަން ނެގި ވޯޓުގެ ކުރިން އެ މުބާރާތް ބާއްވާނެ ގައުމުއޮތީ ނިންމާފައި ކަމަށް ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި ހުންނެވި ބްލެޓާ މިހެން ވިދާޅުވީ ރަޝިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.
"2010 ވަނަ އަހަރު އަހަރުމެން މަޝްވަރާކޮށްފައި ނިންމީ ދެ މުބާރާތުގެ ބިޑް އެއްފަހަރާ ގެންދަން. (ހިންގާ ކޮމިޓީ) ގްރޫޕް ތެރޭގައި އެއްބަސްވެވުނީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވަން. އެއީ އިރުމަތީ ޔޫރަޕުގައި ވޯލްޑް ކަޕް މިހާތަނަށް ނުބާއްވާތީވެ. އަދި 2022 ވަނަ އަހަރު އަނެއްކާ ވެސް އެމެރިކާ އަށް ފުރުސަތު ދިނުމަށް. އެއިރުން އަހަރުމެންނަށް ސިޔާސީ ގޮތުން އެންމެ ބާރުގަދަ ގަދަ ދެ ގައުމުގައި މުބާރާތް ބޭއްވުނީ،" އުމުރުފުޅުން މިހާރު 79 އަހަރުގެ ބްލެޓާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެގޮތަށް އެއްބަސްވެވުނު ނަމަވެސް 2022 ވަނަ އަހަރުގެ މުބާރާތް ގަތަރުގައި ބާއްވަން ހަމަޖެހުނީ ޔޫރަޕުގެ ހަތަރު ވޯޓެއް އެންމެ ފަހު ވަގުތު ބަދަލުވުމުން ކަމަށެވެ.
"އެންމެ ފަހު ވަގުތު (ފްރާންސް ރައީސް ނިކޮލަސް) ސަރްކޯޒީ ގަތަރުގެ ކްރައުންސް ޕްރިންސް މިހާރުގެ ގަތަރުގެ ވެރިއަކަށް ހުންނެވި ޕްރިންސް ގޮވައިގެން އެމީޓީން އަށް އައި. އެއަށްފަހު ޕްލެޓީނީއާ ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ބުނީ އެންމެ ރަނގަޅުވާނީ ގަތަރަށް ފުރުސަތުދިނިއްޔާއޭ. އެހިސާބުން މުޅި މަސްރަހު ބަދަލުވީ،" ބްލެޓާ ވިދާޅުވި އެވެ.
ބްލެޓާ މިހެން ވިދާޅުވިއިރު މި މައްސަލަ ސްވިޒަލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުންނާއި އެމެރިކާގެ ތަހުގީގީ އިދާރާތަކުން ވަނީ ބަލައި ފާސްކުރަން ފަށައިފަ އެވެ. އަދި ކޮޕަރްޝަނުގެ މައްސަލާގައި ފީފާގެ ބައެއް ވެރިން ހައްޔަރުކޮށް، ބްލެޓާއާ ދެކޮޅަށް ވެސް ވަނީ ދައުވާތައް އުފުލައިފަ އެވެ.
1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރަމުން އަންނަ ބްލެޓާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާހުރެ ފީފާގެ ރައީސް ކަމުން އަންނަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވައި އާ ރައީސަކު އިންތިހާބުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މި އިންޓަވިއުގައި އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާ އަތުން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ނިގުޅައިނުގަނެވޭނެ ކަމަށާއި އަދި 2018 އާއި 2022ގައި ވެސް އިނގިރޭސިވިލާތަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ނުލިބިދިޔަ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ މީޑިޔާއިން ފީފާ އާއި އެ ޖަމާއަތުގެ ހިންގާ ކޮމިޓީއަށް އަމާޒުކުރި ފާޑުކިއުންތަކާހެދި ކަމަށެވެ.
ބްލެޓާގެ މިވާހަކަތަކާމެދު ފީފާގެ އެތިކްސް ކޮމިޓީން ވަނީ އެއްވެސް ވާހަކައެއް ބުނަން ދެކޮޅު ހަދައިފަ އެވެ.