ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެނެވެ.
އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.
އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދެވެ.
ނަމަވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ދެންމެ ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު ކަމަށާ އެ ވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަލީ ވަހީދު ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި މިވަނީ އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދު ފުރުވާލި މައްސަލާގައި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރެއް ކުރީ ރަނގަޅަށް ނޫން ކަމަށާއި ކޯޓުގެ އެ ނިންމުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދާނެ ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ ބުރާސްފަތި ދުވަހު ވަނީ ދިގު ބަޔާނެއްވެސް ނެރެފައެވެ. ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ އަމުރުތައް ނެރުމުގައި ކްރިމިނަލް ކޯޓުން އާދަވެ އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން މަސައްކަތް ކުރާއިރު އަލީގެ ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކޭ ކަމަށެވެ.
މި މައްސަލާގައި ރައީސް އޮފީހުގައި ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ "ކުރީގެ މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި ވާހަކަ ފުރަތަމަ ދުށީ "ހަބަރުން" ކަމަށެވެ.