ޕަރިނީތީ ޗޯޕްޅާ

އަނެއްކާވެސް ޕަރިނީތީގެ ލަވައެއް، ވަރަށް ރީތި!

ބޮލިވުޑް ބަތަލާ ޕްރިނީތީ ޗޯޕްޅާގެ ލަވަ ކިޔުމުގެ ހުނަރު މީގެ ކުރިން ވެސް އޭނާ ދެ ފަހަރެއްގެ މަތިން ދައްކާލާފައި ވެއެވެ. އެއީ "މޭރީ ޕިޔާރީ ބިންދޫ" އާއި "ކޭސާރީ" އަށް ކިޔަވައިދިން ލަވަތަކުންނެވެ. މިހާރު ތިން ވަނަ ލަވައެއް ދިއާގެ އަޑުން ވަނީ ރެކޯޑް ކޮށްފަ އެވެ.

"މަތުލަބީ ޔާރިޔާން – އަންޕްލަގްޑް" ނަމަކަށް ކިޔާ މި ލަވައަކީ މިހާރު ރިލީޒްވުމަށް ތައްޔާރުވެފައިވާ ޕަރިނީތީގެ ފިލްމެއް ކަމަށްވާ "ދަ ގާލް އޮން ދަ ޓްރެއިން" އަށް އޭނާ ކިޔައިދީފައިވާ ލަވަ އެކެވެ.

ވިޕިން ޕަޓްވާ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައިގެ ޝާއިރަކީ ކުމާރެވެ.

ޕަރިނީތީ ބުނި ގޮތުގައި އޭނާ ވަރަށް ލަވަކިޔާހިތް ވެއެވެ. އެހެންވެ ލަވަ ކިޔަން ލިބޭ ފުރުސަތެއް ވިއްޔާ ދޫކޮށްނުލާ ލަވަ ކިޔަ އެވެ. ބަތަލާއަކަށްވެ ހުރެ ލަވަ ކިޔޭވީ އެއީ އޭނާއަށް ލިބޭ ޝަރަފެއްގެ ގޮތުގައި ޕަރިނީތީ ދެކެ އެވެ.
މައިކެއް ކުރިމަތީގައި ހުރެ ލަވަ ކިޔައި މުޅި ދުނިޔެއަށް އަޑު އިއްވާލާނެ ފުރުސަތު ލިބުމަކީ ޕަރިނީތީ ވަރަށް ހިތްހަމަޖެހޭ ކަމެކެވެ.

ޕަރިނީތީ މިފަހަރު ކިޔާފައިވާ ލަވަ އޭނާއަށް ފުރަތަމަ އަޑުއިވުނީ މީގެ ދޮޅުއަހަރެއް ކުރިން ލަންޑަނުގައި އުޅެނިކޮށެވެ. އޭރުއްސުރެ އޭނާގެ އަޑުން މި ލަވައިގެ އާ ވާޝަނެއް ނެރުމުގެ ޚިޔާލު ޕަރިނީތީ އަށް އައިސް އެކަމާ ފިލްމުގެ ޑައިރެކްޓަރު ރިބޫ ވެސް މަޝްވަރާ ކުރި އެވެ.

ޕަރިނީތީ މިހާތަނަށް ފިލްމުތަކަށް ކިޔައިދިން ދެ ވަނަ ވެސް ވަރަށް ކާމިޔާބެވެ. އެހެންވެ ތިން ވަނަ ފަހަރަށް ވެސް އެހާ ރަނގަޅު ކާމިޔާބަކަށް ޕަރިނީތީ އުންމީދު ކުރެ އެވެ.

"ދަ ގާލް އޮން ދަ ޓްރެއިން"އަށް ޕްރިނީތީ ކިޔައިދީފައިވާ ލަވަ

"މޭރީ ޕިޔާރީ ބިންދޫ" އަށް ޕަރިނީތީ ކިޔައިދިން 'މާނާކެ ހަމް ހާރް ނެހީ" އާއި "ކޭސާރީ" އަށް ކިޔައިދިން 'ތެރި މިއްޓީ" ގިނަ ބަޔަކަށް ވަރަށް ރީތިވެގެން އުޅެފައި ވެއެވެ. އެހެން ތިން ވަނަ ފަހަރަށް ވެސް ނަސީބު އަތުގައި ހިފާނެކަމަށް ޕަރިނީތީ ހިތާ ހިތުން ޔަގީން ކުރެ އެވެ.

'ތެރި މިއްޓީ" އަށް 100 މިލިއަން ވިއުޒް ލިބިފައި ވެއެވެ. އަދި "މާނާ ކެ ހަމް ޔާރް ނެހީ" އަށް 90 މިލިއަން ވިއުޒް ލިބިފައި ވެއެވެ.

ޕަރިނީތީ މިފަހަރު ލަވަކިޔައިދިން ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ދައްކަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް އިންނެވެ. މިއީ ހަމަ މިނަމުގައި ނެރެފައިވާ އިންޓަނޭޝަނަލް ބެސްޓްސެލާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިފޮތުގެ މައްޗަށް ބިނާކޮށް ހޮލީވުޑުން ވެސް 2016ގައި ފިލްމެއް ތައްޔާރު ކޮށްފައި ވެއެވެ. ހޮލީވުޑް ފިލްމުގައި ބަތަލާގެ ބައި ކުޅުނީ އެމިލީ ބްލަންޓެވެ.

މީގެ ހިންދީ ވާޝަން ޑައިރެކްޓްކޮށްފައިވަނީ ރިބޫ ދާސްގުޕްތާ އެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ ފެބްރުއަރީ 25، 2021 ގައެވެ.