ބޭރު ކުޅިވަރު

ވޮލްކޮޓާއި ޗެމްބަލައިން އަށް ތިން މެޗެއްގައި ނުކުޅެވޭނެ

އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ތިއޯ ވޮލްކޮޓާއި އޮކްސްލައިޑް ޗެމްބްލައިން އަށް ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވީ ކާލިންކަޕުގައި ރޭ ޝެފީލްޑް އަތުން އާސެނަލް ބަލިވެ، މުބާރާތުން ކެޓި މެޗުގަ އެވެ.

ވޮލްކޮޓާއި ޗެމްބަލައިން އަށް އަނިޔާވުމުން ކޯޗު އާސެން ވެންގާ ބުނީ ތަޖުރިބާކާރު ކުޅުންތެރިންނަށް އަނިޔާވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އަހަރުމެންގެ ސްކޮޑް މިދަނީ އަނިޔާގެ ސަބަބުން ހީނަރުވަމުން. ހާއްސަކޮށް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމަކީ މައްސަލައެއް،" ވެންގާ ބުންޏެވެ.

ވޮލްކޮޓާއި ޗެމްބަލައިން އަށް ނުކުޅެވޭނެ ތިން މެޗަކީ ޕްރެމިއާ ލީގުގައި ސްވަންސީ އާއި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާދެކޮޅަށް ކުޅޭ މެޗެވެ.