ސުކޫލުތަކުން ކޮވިޑް-19 ފެތުރިފައި ނުވާ ކަމަށާ ސުކޫލުތަކަކީ ރައްކާތެރި މާހައުލެއްކަން ޔަގީން ކޮށްދޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ކޮންމެ ދުވަހަކު 100 އިން މަތީގައި ޕޮޒިޓިވް ކޭސްތައް ހުންނައިރު އިއްޔެ ވަނީ އެ އަދަދު 200 އިން މައްޗަށް އަރާފައެވެ. ފިޔަވަޅުތައް ހަރުކަށި ކުރިއިރު ސުކޫލުތައް ބަންދުކޮށްފައި ނުވާތީ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ގުރޭޑް 1 ކުން 6 ކަށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ނިންމާފައެވެ. ސުކޫލުތަކަށް ހާޒިރުވެ ކިޔަވަން ޖެހެނީ ގުރޭޑް 7 ކުން 12 އަށެވެ. ބޭބީ ނާސާރީ އަދި ޕްރީ ސުކޫލުތައް ވަނީ ބަންދުކޮށްފައެވެ. ކޮލެޖްތަކާއި ޔުނިވާސިޓީގެ ކިޔެވުން ވެސް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. މިއީ ދެ ހަފްތާއަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ސުކޫލު ބަންދު ނުކުރަން ނިންމީ ސުކޫލުތަކަކީ ރައްކާތެރި މާހައުލެއްކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ. ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއިން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ހުރިހާ ސުކޫލުތަކުންވެސް ވަރަށް ރަނގަޅަށް އަމަލު ކުރާ ކަމަށްވެސް އާތިޔާ ވިދާޅުވިއެވެ.
އާތިޔާ ވިދާޅުވީ މިދިޔަ ދިހަ ދުވަސްތެރޭ މާލެ ސަރަހައްދުގެ ހުރިހާ ސުކޫލަކަށް އެޑިއުކޭޝަންގެ ޓީމުތައް ޒިޔާރަތްކޮށް އިންސްޕެކްޝަނެއް ހަދާފައިވާ ކަަމަށެވެ.
"މި އިންސްޕެކްޝަންތަކުންވެސް އަޅުގަނޑުމެނަަށް ފާހަގަކުރެވުނީ ރައްކާތެރިކަމުގެ ގޮތުން ސުކޫލުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަދި އެޗްޕީއޭއިން ލަފާ ދެއްވާފައިވާ ހުރިހާ ފިޔަވަޅުތަކެއްވެސް ހުރިހާ ސުކޫލެއްގެ ބޭފުޅުންވެސް ވަރަށް ފަރުވާތެރިކަމާއެކު އަޅުއްވަމުން ގެންދަވާކަން. ސުކޫލުގައި ޓީޗަރުންނާއި ދަރިވަރުން އުޅެނީ އެ ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި،" އާތިޔާ ވިދާޅުވިއެވެ.
އާތިޔާ ވިދާޅުވީ ސުކޫލުތަކަކީ ރައްކާތެރި ތަންތަން ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް ދޭ ކަމަށެވެ. އަދި ދަރިވަރުން ސުކޫލަށް ފޮނުވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ. އާތިޔާ ވިދާޅުވީ މީގެ ކުރިން ބައެއް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވި ނަމަަވެސް އެއީ ސުކޫލުތެރެއިން ނޫން ކަމަށެވެ. އެހެން ކަމުން އެފަދަ ކޭސްތައް ރިޕޯޓް ކުރާއިރު ސުކޫލުތެރެއިން ޕޮޒިޓިވްވާ ކޭސްތަކެއްގެ ގޮތުގައި ރިޕޯޓް ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.
"މިހާތަނަށް އެއްވެސް ސުކޫލަކުން ބަލި ފެތުރިފައެއް ނުވޭ،"
ސުކޫލަށް ހާޒިރުވެ ކިޔެވުން މުހިންމު
އާތިޔާ ވިދާޅުވީ ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެ ކިޔެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިދިޔަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ސުކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
ސުކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން ހުއްޓުމަކީ ނަފްސާނީ ގޮތުންވެސް ކުއްޖާ ބަލިވާނެ ކަމެއް ކަމަށާ އުޅުމުގެ ތަރުތީބު ގެއްލި ކިޔެވުންމަތިން ފޫހިވާނެ ކަމެއް ކަމަށް އާތިޔާ ވިދާޅުވިއެވެ. މި ސަބަބުތަކާއި ގުޅިގެން ދަރިވަރުން ކިޔެވުމަށް ސުކޫލުތަކަށް ހާޒިރުވުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.
"ދިރާސާތަކުން ދައްކާގޮތުގައި ކުދިން ސުކޫލުތަކަށް އައުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ކިޔެވުމަކީ ވަރަށް ބޮޑަށް ސިކުޑީގެ މަސައްކަތެއް. އެކަމަށްޓަކައި އެބަ ބޭނުންވޭ އުފާވެރި މާހައުލެއް. ގޭތެރޭގައި ކުއްޖާ އެކަނިމާ އެކަނި ހުންނައިރު މި ދެންނެވި އުފާވެރި މާހައުލެއް ނޯވޭ،" އާތިޔާ ވިދާޅުވިއެވެ.