ބޭރު ކުޅިވަރު

ލިވަޕޫލާއި ސިޓީ ގަދަ އަށަކަށް، މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި

ޖާގަން ކްލޮޕް ޓީމާ ހަވާލުވި ފަހުން ލިވަޕޫލް މޮޅުވި ފުރަތަމަ މެޗާއެކު ކެޕިޓަލްވަން ކަޕުގެ ކުއާޓާ ފައިނަލަށް އެ ޓީމު ދަތުރުކޮށްފި އެވެ. އަދި މެންޗެސްޓާގެ ދެ ޓީމު ކުރެ ސިޓީ ކުއާޓާ އަށް ދިޔައިރު ޔުނައިޓެޑް ކަޓައިފި އެވެ.

ނެތަނިއަލް ކްލައިން ބޯނެމައުތު ކޮޅަށް ޖެހި ހަމައެކަނި ލަނޑުން ލިވަޕޫލް މޮޅުވި މެޗާ ބެހޭ ގޮތުން ކޯޗު ކްލޮޕް ބުނީ ޓީމު މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެންގެ ފުރަތަމަ މޮޅާއެކު އިހުސާސްވަނީ ޑްރޯވުމުން ވާވަރަށްވުރެ ބޮޑު އުފަލެއް. ޓީމާމެދު ހިތްހަމަޖެހޭ. ސަބަބަކީ މި ޓީމު (ރޭގެ މެޗަށް ނެތި ފުރަތަމަ 11) އެކުގައި ކުޅެފައިނުވާތީވެ. ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު. އަހަރުމެންނަށް ގިނަ ފުރުސަތުތަކެއް ވެސް ލިބުނު. އަހަރުމެން މޮޅުވުން ހައްގު،" ސީޒަނުގެ ފުރަތަމަ ހަތް މެޗަށް ފަހު ކޯޗުކަމުން ބްރެންޑަން ރޮޖާސް ވަކިކުރުމުން ލިވަޕޫލާ ހަވާލުވި ކޯޗު ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލްގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި ނަމަވެސް މިހާރަށްވުރެ ބޮޑަށް ފަހަތަށް އައިސް ބޯޅަ ހޯދައިގެން ކުޅެން ޖެހޭ ކަމަށެވެ.

މި މުބާރާތުން އިއްޔެ ރޭ ޗެލްސީ އާއި އާސެނަލް ކަޓާފައިވާއިރު މެންޗެސްޓާ ސިޓީ ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ރޭ ޖާގަ ހޯދައިފަ އެވެ.

އެ ޓީމު މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 5-1އިންނެވެ. ލަނޑު ޖެހީ ވިލްފްރެޑް ބޮނީ އާއި ޕެނަލްޓީއަކުން ޔާޔާ ޓޯރޭ އަދި ޅިއެނާޗޯ އަދި ޑެވިން ޑެބްރޫނޭ އާއި މަނޫ ގާސިއާ އެވެ.

މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑް ކެޓީ މިޑްލްސް ބަރާއަތުން ޕެނަލްޓީ ޖަހައިގެން 3-1އިންނެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

ނަތީޖާ ނެރެން ޔުނައިޓެޑުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ޒުވާން ކުޅުންތެރިޔާ އެންޑްރެސް ޕްރޭރާ ޖެހި ޕެނަލްޓީ އެކަންޏެވެ. އެންމެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ވޭން ރޫނީ ޖެހުމުން ކީޕަރު މަތަކުރީ އެވެ. އެއަށްފަހު ޕްރޭރާ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް މައިކަލް ކަރިކް ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އަދި ފަހު ޕެނަލްޓީ އޭޝްލީ ޔަންގް ޖެހުމުން ކީޕަރު ދިފާއުކުރީ އެވެ.

ސައުތެމްޓަން މޮޅުވީ އެސްޓަން ވިލާ އަތުން 2-1އިންނެވެ. ލަނޑު ޖެހީ މާޔާ ޔޮޝީދާ އާއި ގްރެޒިއާނޯ ޕެލޭ އެވެ.