ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

"ފިޔަވަޅު އެޅީ އަލުން ލޮކްޑައުންއަކަަށް ނުދާން"

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރީ މާލެ ސިޓީ ލޮކްޑައުން ނުކޮށް އާންމު ހާލަތަށް ގެންދިއުމުގެ ބޭނުމުގައި ކަމަަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

ކޮވިޑްކޭސްތައް އިތުރުވަމުންދާތީ އަލުން މާލެ ސިޓީ ލޮކްޑައުން ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެޗްޕީއޭގެ ޑިރެކްޓަަރު އަހުމަދު ނާސިރު ވިދާޅުވީ ކޮވިޑް ހާލަތު ގޯސްވެފައިވާ ކަމަށާ ފިޔަވަޅުތައް ހަރުކަށި ކުރީ އެކަމާއި ގުޅިގެން ކަމަށެވެ. މާލެ ސިޓީ ކުރިން ލޮކްޑައުން ކުރުމުން އެކަމުގެ ހިތި އަދި އުނދަގޫ ތަޖުރިބާ ހުރިހާ އެންމެންވެސް ކޮށްފައިވާ ކަމަށާ އުންމީދަކީ އަލުން އެ ހާލަތަށް ނުދިއުން ކަމަށެވެ.

ނާސިރު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ލޮކްޑައުންއަށް ނުދާން ވެގެން އަޅާފައިވާ ފިޔަވަޅުތަކެއް ކަަމަށެވެ. އެ ފިޔަވަޅުތަކުގައި ރަނގަޅަށް ހިފަހައްޓައިފިނަމަ ލޮކްޑައުންއަކަށް ނުގޮސް އަލުން ރަނގަޅު ހާލަތަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހުރިހާ މެޝާސްތައް މި ނަގަނީވެސް ލޮކްޑައުންއަކަށް ކުރެވެން ހުރި ހުރިހާ ކަމެއްކޮށް އަޅުގަނޑުމެން ސަލާމަތްވެވޭނެ ގޮތެއްވޭތޯ. އަޅުގަނޑުމެން ލޮކްޑައުންގެ ހިތި ތަޖުރިބާތަކެއް ކޮށްފިން. އެފަދަ ތަޖުރިބާއެއް ދެވަނަ ފަހަރަށް ނުކޮށް މެޝާސްތައް ހައިކުރަމުން މި ގެންދަނީ،" ނާސިރު ވިދާޅުވިއެވެ.