ދުނިޔެ

އަނެއްކާވެސް ސައުދީ ޕްރިންސެއްގެ އަޑުއަހަން އުނދަގޫ ވާހަކަތަކެއް!

ލޮސްއެންޖަލިސް (ދިއިންޑިޕެންޑެންޓް) - މިދިޔަ މަހު ފަހުކޮޅު އެމެރިކާގެ ލޮސް އެންޖަލިސްއިން ހައްޔަރުކުރި ސައުދީ އަރަބިއްޔާގެ ޕްރިންސް މަޖީދު އަބްދުލް އަޒީޒު އަލް ސައުދު ގެ މައްސަލަ ކޯޓަށް ހުށަހެޅިފައި ވަނިކޮށް އޭނާއާ ދެކޮޅަށް ތިން މުއައްޒަފަކު ގިނަ ވާހަކަތަކެއް ކިޔައިދީފިއެވެ.

ލޮސް އެންޖަލިސްގެ ފުލުހުން މިދިޔަ މަހު ބުނީ 28 އަހަރުގެ ޕްރިންސް މަޖީދު ހައްޔަރު ކުރެވުނީ އޭނާގެ މުއައްޒަފަކާއެކު ގަދަކަމުން ޖިންސީ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އޭނާ ހުންނަވާ 37 މިލިއަން ޑޮލަރުގެ އަގުހުރި ގަނޑުވަރުން ކަމަށެވެ. ޖެހިގެން އައި ދުވަހު ދެ ލައްކައެއްހާ ޑޮލަރުގެ ބެއިލްއެއްގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

ޕްރިންސް މަޖީދު ހައްޔަރު ކުރި ދުވަހު އޮތް ޕާޓީގައި އޭނާގެ އަމަލުތައް ހުރި ގޮތް އޭރު އޭނާގެ ވަޒީފާގައި ތިބި ތިން މުއައްޒަފަކު ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގާ ކިޔާދީފައެވެ. މިގޮތުން އެ ދުވަހުގެ ޕާޓީގައި އޭނާގެ މުއައްޒަފުންނަށް ބަރަހަނާ ވުމަށް މަޖުބޫރު ކުރި ކަމަށާއި އެދުވަހު އޭނާ އުޅުނީ ކޮކެއިންގެ މަސްތުގައި ކަމަށް އެމީހުން ބުނެއެވެ. މިތަނުން އެއް މުއައްޒަފަކު ކިޔާދިން ގޮތުގައި ޕްރިންސްގެ ލޯބިވެރިޔާއާއި އެހެން އަންހެނަކު ޒަހަމްތަކާއެކު އެކު ތަންތަނުން ލޭ އޮހޮރުވާލާފައި ވަނިކޮށް އޭނާ އަށް ފެނުނެވެ. އަދި އޭރު ރޯން ތިބި އެ ދެ އަންހެނުން ބިރުން ތުރުތުރު އަޅާ ކަމަށް ވެސް އެ މުއައްޒަފު ކިޔާދިނެވެ.

މުއައްޒަފުން އިތުރަށް ކިޔާދިން ގޮތުގައި އެދުވަހުގެ ޕާޓީގައި ޕްރިންސް ވަނީ އެއްޖިންސުން ވެސް ގުޅުން ހިންގާފައެވެ. ސައުދީ އަރަބިއްޔާގައި އެއް ޖިންސުން ގުޅުން ހިންގުމަކީ މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އަދި މީގެ އިތުރުން ވެސް މި ތިން މުއައްޒަފުން ވަނީ ޕްރިންސްގެ ފަރާތުން އެމީހުންނަށް ފެނުނު ދަރަޖައިގެ ބަދު އަހުލާގީ އެތައް އަމަލެއް ކިޔާދީފައެވެ.

މި މަހުގެ ތެރޭގައި ޕްރިންސް މަޖީދުގެ ކޯޓު ކޭސް ކުރިއަށް ދާނެ ކަމަށް ބެލެވިފައިވާއިރު، ތާރީހުތައް އަދި އެނގިފައެއް ނުވެއެވެ.

ޕްރިންސް މަޖީދުގެ ހުތުރުކަންބޮޑު މައްސަލައެއް އެމެރިކާގެ ކޯޓަކަށް ވަދެފައިވާއިރު ސައުދީގެ އެހެން ޕްރިންސެއް ކަމަށްވާ އަބްދުލް މުހުސިން އަލް ސައުދް ވަނީ މިދިޔަ ހޯމަ ދުވަހު ދެ ޓަނުގެ މަސްތުވާތަކެއްޗާއެކު ބެއިރޫތުގެ އެއާޕޯޓުން ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރިއިރު ޕްރިންސް ދިޔައީ އޭނާގެ އަމިއްލަ ބޯޓެއްގައި މަސްތުވާތަކެއްޗާއެކު ސައުދީއަށް ފުރުމަށް ތައްޔާރު ވަމުންނެވެ.