ވައިގެ ހާދިސާތައް

ބޯޓު ވެއްޓުން: އަނިޔާވި މީހުންނަށް ފަރުވާދީ ދޫކޮށްލައިފި

Feb 14, 2021
1

ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްދޭ މަންޓާ އެއާގެ ސީޕްލޭނެއް މިއަދު ހެނދުނު ވެއްޓުނު ހާދިސާގައި އަނިޔާވި މީހުންނަށް، ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓު ވެއްޓުނުއިރު، އެ ބޯޓުގައި ތިބި ހަ ޓޫރިސްޓުންނާއި ދެ ކުރޫންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް މަންޓާ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ މީހުންނަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު ދޫކޮށްލައިފާކަމަށް ބުންޏެވެ.

އަވަސް އަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ވެއްޓުނު ސީޕްލޭން މިހާރުވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ސީޕްލޭންގެ ކަނދު ފެންމަތީގައި ފެންނަން އޮތެވެ.

އެ ކުންފުނިން އިތުރަށް ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، ވެއްޓުނު ބޯޓު ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ އެކްސިޑެންޓެއް ހިނގާފައި ވަނީ އޮކްޓޫބަރު 22، 2020 ގައެވެ. އެ ދުވަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޯޓެއް މ. މެދުފުށި ރިސޯޓް ކައިރިން އެކްސިޑެންޓްވި އެވެ. އެ ބޯޓުގެ ދަތުރުމަތީ 14 ފަސެންޖަރުންނާއި، ކްރޫން ތިބި ނަމަވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު ފެބުރުއަރީ 24، 2020 ގައި ޓީއެމްއޭ ގެ ބޯޓެއް އެކްސިޑެންޓުވެ ބައެއް މީހުނަށް އަނިޔާވެފައި ވެއެވެ. އެ އެކްސިޑެންޓުވެފައި ވަނީ ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިންނެވެ. އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބި މީހުންނަށް ކުދިކުދި އަނިޔާވި އެވެ.