ހަބަރު

ޖަމިއްޔާތައް އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މަދަނީ ޖަމިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުމަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 21 މާރޗްގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. ކުރިން މި ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ މަދަނީ ޖަމިއްޔާތަކަށް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށް ލަފާކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ފުރުސަތަށް އެދި ހުށަހެޅޭނީ ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ. މި ޖަމިއްޔާތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތަކަށެވެ. މީގެއިތުރުން ކޮންމެ ޖަމިއްޔާއަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.