ދުނިޔެ

ގިނީގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ ފެތުރެނީ

ވަރަށް ނުރައްކާތެރި އަދި މަރުވާ ނިސްބަތް އެހާ މަތީގައި އުޅޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ ފެތުރެން ފަށައިފި އެވެ. އެބޯލާ ޕެންޑެމިކް އެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން އިއުލާން ކުރީ މިހާތަނަށް ބަލި ހަތް މީހުންނަށް ބަލި ޖެހި އޭގެ ތެރެއިން ތިން މީހުން މަރުވުމުންނެވެ.

މި ބަލި ޖެހުނު ހަތް މީހުންނަށް ވެސް ބޭރަށް ހިންގުމާއި ހޮޑުލުން އަދި ހޮޑާއެކު ލޭ އައުން ފަދަ ކަންކަން ދިމާވެފައި ވެއެވެ. މި އެންމެން ވެސް ބަލިވީ ލައިބީރިޔާގެ ބޯޑަރުގައި އޮންނަ ގޫއޭކާ ކިޔާ ރަށެއްގައި އޮތް ޖަނާޒާއަކަށް ދިޔަ ފަހުންނެވެ. ބަލި ޖެހިފައިވާ މީހުން ވަކިން ތަނެއްގައި ބައިތިއްބައިގެން ފަރުވާ ދެމުންދާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ގިނީ ސަރުކާރުން އެބޯލާ ޕެންޑެމިކް އިއުލާން ކުރީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ގިނީގެ ހެލްތު މިނިސްޓަރު ރެމީ ލާމާ ވިދާޅުވީ މި ބަލި ޖެހުނު މަދު މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވުމުން އޮފިޝަލުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.

ގިނީ އިން އެބޯލާ މިފަހަރު ފެނިފައި މިވަނީ 2013 އިން 2016 އަށް އެ ގައުމުގައި އެ ބަލި ފެތުރުނު ފަހުން ބަލި ނުފެނި ގިނަ ދުވަސް ތަކަކު އޮތުމަށް ފަހުގަ އެވެ. އެ ފަހަރު މި ބަލީގައި ވެސްޓް އެފްރިކާއިން 11،300 މީހުން މަރުވި އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ގިނީ، ލައިބީރިއާ އަދި ސިއެރާ ލިއޯން މިހުންނެވެ.

އެބޯލާ ވައިރަސް އަށް މިހާރު ވެކްސިނެއް އުފައްދައި ބޭނުންކުރަން ފަށާފައި ވެއެވެ. މި ވެކްސިން ހޯދަން ޑަބްލިޔުއެޗްއޯ އާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކުގައި ގިނީ އިން ވަރަށް އަވަހަށް އެދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައި ވެއެވެ.

ވެކްސިނުން ފުރިހަމަ ރައްކާތެރިކަން ނުލިބުނަސް މަރުވާ މީހުންގެ އަދަދު މަދު ކުރެވެ އެވެ.

ޑަބްލިޔުއެޗްއޯ ރީޖަނަލް ޑައިރެކްޓާ ފޯ އެފްރިކާ ޑރ. މަޓްޝިޑީސޯ މޮއެޓީ ވިދާޅުވީ ގިނީ އިން އަނެއްކާވެސް އެބޯލާ ފެނުމަކީ "ވަރަށް ބޮޑު ކަންބޮޑުވުމެއް" ކަމަށެވެ.

ނަމަވެސް ވެކްސިން ޖަހައިގެން ކުރިން ވެސް ބަލި ކޮންޓްރޯލް ކުރެވުނު ގޮތަށް މިފަހަރު ވެސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެބޯލާ ޖެހުމުން ގަދަޔަށް ހުން އައިސް ކުއްލިއަކަށް މުޅިން ގައިން ވަރު ދޫކޮށްލަ އެވެ. އަދި ގައިގެ މަސްތަކުގައި ރިއްސާ ކަރު ތެރެ ހަލާކުވެ އެވެ.

ބަލީގައި ބޮޑުވަރުވާ ވަރަކަށް ބޭރަށް ހިންގާ ހޮޑުލައި ލޭ އައުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

މި ބަލި އެކަކު ގައިން އަނެކަކު ގަޔަށް އަރަނީ ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓެއް ވެގެންނެވެ. އެބޯލާ ޖެހިފައިވާ މީހެއްގެ ލޭ، ހޮޑު، ބޮޑުކަމުދާ ނަޖިސް ނުވަތަ އެނޫންވެސް ހަށިގަނޑުން ނުކުންނަ ދިޔަ ފާޑުގެ އެއްޗެތި ރަނގަޅަށް ހުރި މީހެއްގެ ގަޔަށް އަރާނީ އެމީހެއްގެ ގައިގައި ހަލާކުވެފައި ހުރި ތަންކޮޅެއް ހުރިނަމަ އެ ތަނަކުން ނުވަތަ އަނގަޔާއި ނޭފަތުންނެވެ. މިފަދަ ގޮތަކުން ހަށިގަނޑަށް ބަލީގެ ޖަރާސީމު ވަދެއްޖެނަމަ ބަލި ޖެހެ އެވެ. މިއީ ކޮރޯނާވައިރަސް ކަހަލަ އެއާބޯން ބައްޔެއް ނޫނެވެ. ވީމާ ކޮރޯނާވައިރަސް ހާ ފަސޭހައިން މި ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަކަށް ނާރަ އެވެ.