ނޭދެމޭ ވަކިވުމެއް

ނޭދެމޭ ވަކިވުމެއް

(އެޕިސޯޑް 19)

"އަހަރެން ވެސް މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ.." ޝިޔާދު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކޮބާ އެމީހުން؟" ލިއުޝާ ވަރަށް ހާސްވެފައި ހުރެ އަހައިލިއެވެ.

"ލިއު ކީއްވެތަ ތި ހާސް ވަނީ؟ ލިއުއާ ދޭތެރޭ ވަރަށް ކަޑަކޮށެއްނު ޒީމެން ކަންތައް ކުރީ؟" ޝިޔާދު ބަލައިލީ ލިއުޝާގެ ހާސްކަން ވެރިވެފައިވާ މޫނު މައްޗަށެވެ.

"މީ އެމީހުން ކުރި ކަންތަކުގެ ވާހަކަދައްކަން ވީ ވަގުތު ކަމަކަށް އަހަރެން ނުދެކެން.. ޒީނާ އޮތީ ކޮންތާކު؟" ލިއުޝާ އެހެން ބުނެ ޝިޔާާދާ އެކު ކުރިޔަށް ހިނގައިގަތެވެ. އެވަގުތު ވެސް އެތައް ވާހަކަތަކެއް ދިޔައީ ލިއުޝާގެ ހިތަށް އަރައި، ފައިބަމުންނެވެ.

***

"ކޮއްކޮއަށް ކިހިނެއްވީ؟" މިފްރާހުގެ ފަރާތުން ފެންނަނީ އިންތިހާއަށް ޖެހިލުން ވުމާއި، މާޔޫސް ކަމެވެ. މިފްރާހުގެ ދާދި ގާތުގައި ހައުލާ ވެސް ހުއްޓެވެ. މިފްރާހު ކަޅި ޖަހައި ނުލައި ބަލަން ހުރީ އޭނާގެ ކުރިމަތީގައި ހުރި ޑޮކްޓަރަށެވެ.

"ހީ އިޒް ގުޑް. މިހާރު ހޭވެސް އަރައިފި.. އަނެއްހެން މާ ބޮޑު ގެއްލުމެއް ނެތް ލިބިފައެއް.. ނިތްކުރި ފަޅައިގެން ގޮސްފަ.. ދެން އަތާއި ފަޔަށް ކުދި އަނިޔާތަކެއް ލިބުނީ. އަނެއްހެން އެއްވެސް ނުރައްކާތެރި ކަމެއް ނުވޭ.. ސޯ ޑޯންޓު ވޮރީ.." ޑޮކްޓަރު ހިނިތުންވެލިއެވެ.

"އަލްޙަމްދުލިއްލާހި." މިފްރާހު ޙަމުދް އަޅައިލިއެވެ.

"ނަސީބެއްނު ދޯ؟ އެހެން ނޫން ނަމަ ކިހިނެއްތަ ވާނީ؟" މިފްރާހަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. ނަމަވެސް ހައުލާ ހުރީ މިފްރާހު ދިން ދޯ އަށް އުފާވެރި ކަމާއި އެކު، އާނއެކޭ ބުނަން ބޭނުން ނުވެފަައެވެ.

***

"ޒީ.." ލިއުޝާއަށް ގޮސް ހުއްޓުނީ ޒީނާ ބާއްވާފައި އޮތް އެނދުގެ ކުރިމަތީގައެވެ. ލިއުޝާގެ ހިތުގައި ވަނީ އާދަޔާ ޚިލާފު އިޙްސާސެކެވެ. ޒީނާ އަކީ ލިއުޝާގެ ކުރީގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަކު، އެ ގުޅުން ވަނީ މިހާރު މުޅިން ބަދަލުވެފައެވެ. އެކަންކަން މިހާރު އެއީ މާޒީއެވެ. ޒީނާގެ ރޭވުން ތަކުން އެތައް ތޫފާނެއް ލިއުޝާގެ ޙަޔާތަށް އައި ކަމަކު، ލިއުޝާގެ އަމަލުތައް ހުރީ އެ ރުޅިވެރި ކަމުގައި ލިއުޝާ ހުރި ފަދަ ގޮތަކަށް ނޫނެވެ. ޒީނާއަށް ގޮވައިލީ ވެސް ވަރަށް އޯގާތެރި ކަމާއި އެކުއެވެ.

"އަދިވެސް ހެޔެއް ނާރާ.. ބޭސް ކާޑެއް ކާލާފަ.. އަޅެ ކީއްވެތަ ދެން؟" ޒީނާގެ ގާތުގައި ހުރި އިތުރު ޑޮކްޓަރަކު އެކުވެރި ރާގެއްގައި ލިއުޝާއާ މުހާތަބުކޮށް ބުނެލިއެވެ.

"އަސްލުު ވެސް ދޯ؟ އަހަރެން ވެސް މި ހުރީ ބަސް ހުއްޓިފަ. އަހަރެންގެ ސިކުނޑިއަށް ނާދޭ ޒީ މިފަދަ ކަމެއް ކޮށްފާނެ ކަަމަކަށް.. ކޮންމެ ވެސް ކަމެއް އެބަ އޮތް މީގެ ފަހަތުގަ.." ލިއުޝާގެ ހިތް ބުނާ ގޮތް އޭނާ ޙިއްޞާ ކުރިއެވެ.

"ލިއު ރުޅި ނާންނާތި! އަހަރެންނަށް ވަރަށް ހީވޭ މިކަންތައް ލިއުމެންގެ ތި ހިނގާ ދިޔަ ކަންތަކާ ގުޅުމެއް ވާނެހެން. ޒީނާ ހާދަ ޗޭންޖޭ.. ވަޒީފާއަށް އަންނަނީ ކީ ނޫން.. ވަޒީފާއަށް އަޔަސް، މީހަކާ ވާހަކައެއް ނުދައްކާ.. ހަމަ މަންމަނެއްގެ ގޮތަށް އިންނަނީ.. މުޅިން އެހެން ޒީއެއް އަސްލު ފެންނަނީ.." ލިއުޝާއާ ދާދި ގާތުގައި ހުރި ޑޮކްޓަރު ދެއްކި ވާހަކައިން ލިއުޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ލިއުޝާގެ ބޮލުގެ ތެރެއަށް އެތައް ކަމެއް ވަންނަން ފަށައިފިއެވެ.

"އަހަރެން އެބަ އަންނަން.." ލިއުޝާ ފޯނަށް ބަލައިލަމުން، އެތަނުން ނުކުތީ ޒަޔާން ގުޅަމުން ދިޔުމުންނެވެ.

"ކީކޭ ޒަޔާން؟" ލިއުޝާ ފޯނު ނަަގައި ވާހަކަ ދައްކަން ފެށިއެވެ.

"މަންމަ.." ޒަޔާނަށް ބުނެވުނީ އެވަރަށެވެ. އެއާއި އެކު ޒަޔާންގެ ބަޑި ފަޅައިގެން ދިޔައެވެ. ނިކަން ބާރަށް ޒަޔާން ރޯން ފެށިއެވެ. ލިއުޝާ އަށް ލިބުނު ހައިރާން ކަމަށް ވުރެން، ލިބުނު ނުތަނަވަސްކަން ބޮޑުވިއެވެ.

"އަހަރެން މިދަނީ.." ލިއުޝާ ވަރަށް އަވަސްކޮށް ފިޔަވަޅު ނަގަމުން ހިނގައިގަތީ ހަދީޖާާ އެޑްމިޓްކޮށްފައިވާ ވާރޑަށެވެ. ހިނގުމުގެ ފިޔަވަޅުތަކަށް ހަލުވި ކަމެއް ގެންނަމުން، އެންމެ ފަހުން ލިއުޝާ ދުއްވައިގަތެވެ.

"ޒަޔާން.." ލިއުޝާގެ ފިޔަވަޅު ތަކަށް ހުއްޓުން އެރީ، ހޮސްޕިޓަލްގެ އައިސީޔޫގެ ދޮރު ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ރޯން އިން ޒަޔާން ފެނުމާއި އެކުގައެވެ.

"ޒަޔާން.." ލިއުޝާ އަވަސްކޮށް ގޮސް ޒަޔާންގެ ގާތުގައި ކުޑަކަކޫ ޖަހާފައި އިށީންނެވެ.

"ޒަޔާން ކިހިނެއްތަ ވީ؟ ޒަޔާން.. ބުނެބަލަ!" ލިއުޝާ ވަރަށް އަވަސްކޮށް އަހައިލިއެވެ.

"ދައްތާ! އަހަރެންގެ މަންމަ.. މަންމަ.." ޒަޔާންގެ އަޑު ހީވަނީ ހިމުން ވަމުން ދަނީހެންނެވެ.

"ބުނެބަލަ! ކިހިނެއްތަ ވީ؟" ލިއުޝާގެ ހިތް ދިޔައީީ ބާރަށް ގުނޑެމުންނެވެ.

"މަންމަ.. މަރު.." ޒަޔާންގެ އަޑު ހީވީ ފަޅައިގެން ދިޔަހެންނެވެ. ވޭތުވެގެން ދިޔަ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަދީޖާގެ ވަކިވެ ދިޔުން ކިޔައި ދިނުން ވެގެން ދިޔައީ ޒަޔާނަށް ކުރަން އުނދަގޫވި ކަމަކަށެވެ. ލިއުޝާ ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން ޒަޔާންގެ އަތުގައި ހިފައި، އެ ހިތާމައިގައި ބައިވެރިވާން ފެށިއެވެ.

***
"އަހަރެން ބޭނުން މިތަނުން ދާން. ދޮންބޭ! ބުނެބަލަ ޑޮކްޓަރުންގެ ގާތުގަ އަހަރެން މިތަނުން ނެރޭށޭ!" ހޮސްޕިޓަލްގެ އެނދުގައި އޮތް މިފްޒާލް ބަަލައިލީ އޭނާގެ ގާތުގައި، އިން މިފްރާހަށެވެ.

"ނޫން ކޮއްކޯ.. އެހެން ނުދެވޭނެއްނު؟ އެއީ މައްސަލައެއްނު؟ އެހެން ނޫނަސް ކޮއްކޮއަށް އެބަ ހުއްޓޭ ބައެއް ގެއްލުންތައް ވެސް ލިބިފަ.." މިފްރާހުގެ ކަނާއަތް މިފްޒާލްގެ ނިތްކުރީގައި ބާއްވަމުން އޭނާ ވާހަކަދެއްކިއެވެ.

"ދޮންބޭ! ޕްލީޒް.. އަހަރެން ރަނގަޅޭ.. އަހަރެން ބޭނުން ވަނީ ދާން." ކުރު ނުކޮށް މިފްޒާލް ބުންޏެވެ.

"ތެދެއް މިފްރާހު! ކޮއްކޮ ރަނގަޅިއްޔާ ޑޮކްޓަރު ގާތު ބުނޭ ގެއަށް ބަދަލު ކުރަން.. އެހެން ނޫނަސް ޑޮކްޓަރު ވެސް ބުންޏެއްނު މައްސަލަ އެއް ނެތޭ. ސޯ އޯކޭ އެއްނު؟" ހައުލާ އެހެން ބުނުމުން މިފްޒާލްގެ ކަޅި ހައުލާއަށް އަމާޒުވިއެވެ. ކޮންމެ ގޮތެއް ވިޔަސް އެކަމުގެ ފަހަތުގައި ހައުލާގެ ވަނީ މުޅިން އެހެން ރޭވުމެކެވެ. ނަމަވެސް މިފްޒާލް ހީކޮށްގެން ހުރީ މިފްޒާލްގެ ކޮޅަށް ހައުލާ ވެސް އެރީ ކަމަށެވެ. އެހެން ކަމުން، ހައުލާ ބުނި ވާހަކައިން މިފްޒާލްގެ ހިތުގައި ވަނީ ހައުލާއަށް ކުޑަ ނަމަވެސް ޝައުޤެއް އުފެދިފައެވެ.

ހައުލާގެ އެދުން ނިކަން ފަސޭހަ ކަމާއި އެކު، މިފްރާހު ޤަބޫލުކޮށް އެތަނުން އޭނާ ނުކުތީ ޑޮކްޓަރާ ވާހަކަދައްކާށެވެ.

"ހާދަ ނުފޫޒު ގަދައޭ ދޯ؟" ވައި އަޑަކުން މިފްޒާލް އެހެން ބުނުމުން، ހައުލާ ކުއްލިއަކަށް ބަލައިލީ މިފްޒާލަށެވެ.

"މިވީ ދުުވަސްކޮޅުގަ އަހަރެންގެ ދޮންބެގެ ބޮލަށް ރަނގަޅަށް އެރެފި ދޯ؟ އެކަމު، ތި ކޮށްދިނީ ރަނގަޅު ކަމެއް." މިފްޒާލް ވާހަކަދައްކަމުން ދިޔައިރު، އެ އަޑުގައި ކުރިން ހުރި ޖޯޝެއް ނެތެވެ. ހަމަޖެހުމުގެ ރާގު މުޅިން ގެއްލި، މިފްޒާލްގެ ކިބައިން ހާސްވާކަން ހައުލާއަށް ފާހަގަވިއެވެ. އިތުރު ސުވާލެއް ހައުލާ ކުރާކަށް ވެސް ބޭނުމެއް ނޫނެވެ. އެއީ ސުވާލުތަކުގެ ޖަވާބު ވެސް ހައުލާގެ އަތުގައި އޮތީމައެވެ.

***

ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދައިލައިފިއެވެ. ޒަޔާން އިނީ ލިއުޝާގެ ގޭގައެވެ. ހަދީޖާގެ ކަށުކަމާއި ކެމީގެ ކަންތައް ނިމުމަށްފަހު، ޒަޔާން އައީ ލިއުޝާގެ ގެއަށެވެ. ލިއުޝާ އާއި ހައިޝަމްގެ އެދުމަށެވެ.

"ދެން ހުއްޓާލާ ބްރޯ! ކޮންމެ މީހެއް ވެސް މަރުވާނެ.." ޒަޔާން ކޮނޑުގައި ހައިޝަމް މަޑުމަޑުން އަތް ބާއްވައިލިއެވެ. ޒަޔާންގެ ދެކޮޅުގައި ތިބީ ހައިޝަމް އާއި ލިއުޝާ އެވެ.

"އަހަރެންނަށް ވަރަށް އުނދަގޫ ވާނެ.. އެއީ އަހަރެންނަށް މަންމައެއްގެ ލޯބި ދިން ހަމަ އެކަނި މީހަކީ.." ޒަޔާން މޫނުމަތީގައި އަތް އެޅިއެވެ. އެއާއި އެކު އޭނާ އިއްވަން ފެށީ އޭނާގެ ހިތި މާޒީއެވެ.

"އަހަރެންނަށް އަހަރެންގެ އެންމެ ކުޑައިރުގެ ހަނދާންތަކެއް ނެތް. ހަނދާނަށް އައީ ސުރެ އަހަރެން ދިރިއުޅުނީ މާލޭގަ.. އަހަރެންގެ ސިކުނޑީގަ އަހަރެންނަށް ލިބުނު އުފަލެއް، ލިބުނު ހަމަޖެހުމެއް ނެތް.. އަބަދުވެސް ހަނދާނުގަ ހުރީ އަނިޔާ.. އެކި ކަހަލަ އަނިޔާ.. އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ މައިންބަފައިންނެއް ނޫން. ދޭތެރެ ދޭތެރެއިން ބުނާނެ އަހަރެންނަކީ ކުޑަ ލާރި ކޮޅަށް ގަތް ކުއްޖެކޭ.. އެހެން ކިޔާފަ އަހަރެންނަށް ހަދަނީ ހަދާނެ އެއްޗެއް. ޖިންސީ އަނިޔާ އެވަރަށް ކުރޭ.. ނަފުސާނީ ގޮތުން އަހަރެން ކޮށްލީ ބަލިކަށި.." ޒަޔާން ނޭފަތް ދަމައިލަމުން، މޫނުމަތިން އަތް ނެގިއެވެ. އޭނާގެ ދެލޯ ވަނީ ކަރުނައިން ފުރި ބާރުވެފައެވެ.

"އަހަރެންނަކީ ގޭތެރޭގަ ނޯކަރެއް. އަހަރެން ލޭބަލް ވެފަ އޮންނަނީ ސިކުނޑި ހަމަ ނުޖެހޭ މޮޔައެއްގެ ގޮތުގަ.. އަހަރެންނަށް ނޭނގެ އަހަރެންގެ ކުށަކީ ކޮބާ ކަމެއް.." ޒަޔާނަށް ގިސްލެވެން ފެށުނެވެ.

"ޒަޔާން.." ލިއުޝާ މަޑުމަޑުން ޒަޔާންގެ ކަނާއަތުގައި ހިފައިލިއެވެ.

"އަހަރެންގެ ޢާއިލާ އަކީ ފ.ނިލަންދޫ ބައެއް.. އެވަރު އަހަރެންނަށް އެނގެނީ.. އެވެެސް އެއީ އަހަރެން ދެކެ އަންނަ ރުޅީގަ ބުނާނެ ނިލަންދޫއަށް މި ގަމާރު މޮޔަ މީހާ ފޮނުވަންވީއޭ. އަހަރެން ވަރަށް ދެރަވޭ.. އެންމެ ފަހުން ކެތް ނުވެގެން އަހަރެން އެގެއިން ނުކުތީ.. މަގަމަތިވީ.. އެ ދުވަހު މަންމައެއްގެ ލޯބި ދެމުން އަހަރެންނަށް އަޅާލީ ހަދީޖާ.. އެއީ އަހަރެންނަށް މަންމައެއްގެ ކުލުނާއި ލޯބި ދިން އަހަރެންގެ މަންމަ އަކީ.. އެކަމު މިއަދު، އެ ލޯބި ވެސް އަހަރެންނަށް ގެއްލިއްޖެ.." ޒަޔާން ދިޔައީ ގިސްލައި ރޮމުންނެވެ.

"ޒަޔާން ދެރަ ނުވޭ.. އަހަރެމެން މިތިބީ ޒަޔާނަށް އެހީވާން ތައްޔާރަށް.." ހައިޝަމް ވަރަށް އޯގާވެރިކޮށް ޒަޔާނާ ވާހަކަދެއްކިއެވެ. ލިއުޝާ ވެސް އެއްކޮޅުން ޒަޔާންގެ އަތުގައި ހިފައިގެން، ޒަޔާނަށް ހިތްވަރުލައިދީ ހެދިއެވެ.

***

"އަހަރެންގެ ދަރިފުޅު ރަނގަޅުތަ؟" ޒުހުދާ އޮތީ ހޮސްޕިޓަލްގައި އެޑްމިޓު ކޮށްފައެވެ. ޒުހުދާގެ މޫނުމަތިން ތާޒާކަން ވަނީ ގެއްލިފައެވެ. ނަރުސް ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ.

"އާނ ދައްތާ! ތި ހަމަޖެހިލާ. ޒީނާ ރަނގަޅު ވާނޭ.. ޒީނާ ހޭވެސް އަރައިފި.." ޒުހުދާއަށް ބަަލައިލަމުން ނަރުސް ހިނިތުންވެލިއެވެ. ނަމަވެސް ޒުހުދާއަށް ވަނީ އޭނާގެ ތުންފަތަށް ހަރަކާތެއް ގެންނަން ވެސް ނޭނގިފައެވެ. އެހެން އޮވެފައި ދޭތެރެ ދޭތެރެއިން ޒުހުދާ އޭނާގެ އަމިއްލަ ނަފުސާ ކޮށްލާ ސުވާލަކީ "އަހަރެންގެ ދަރި އަމިއްލައަށް މަރުވާން އުޅުނީ ކީއްވެ ހެއްޔެވެ؟"

***

ކޮޓަރީގެ ލައިޓު ޖައްސައިލަމުން، މިފްޒާލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ދޮރު ތަޅުލައި ކޮޓަރިތެރެއަށް ވެދެގެން ކުރިއަށް ދިޔައެވެ. އެވަގުތު ވެސް އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ތަސްބީނާ ދިން ފަތްކޮޅަށް ވީގޮތެވެ. ސައިކަލުން ވެއްޓުނު ގޮތަށް އެ ފަތްކޮޅަށް ވެގެން ދިޔަ ގޮތް ނޭނގުނީމައެވެ. ޝިޔާދު މެދުވެރިކޮށް އެތަނުގައި އެ އޮތްތޯ ވެސް މިފްޒާލަށް ބެލިއްޖެއެވެ. ނަމަވެސް އެ ނެތް ކަން މިހާރު މިފްޒާލަށް ވެސް ވަނީ އެނގިފައެވެ.

"ކިހިނެއްބާ ދެން ހަދާނީ.." މިފްޒާލް ވާހަކަދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ޞަމީރާއެވެ. ކޮޓަރީގެ ދެކޮޅަށް ހިނގަމުންނެވެ. ކުއްލިއަކަށް މިފްޒާލްގެ ކަރު ދަށަށް ފިނިވާ ކަމުގެ އިޙްސާސެއް އޭނާއަށް ކުރުވަން ފެށިއެވެ. ހީވަނީ މީހަކު މަޑުމަޑުން ކަރުދަށުގައި ފިރުމާހެންނެވެ.

"ކާކު؟" ކޮންމެ ވެސް އިތުރު މީހެއް ކޮޓަރީގައި ހުރިހެން މިފްޒާލަށް ހީވަމުން ދިޔައެވެ. ވަގުތުން ކޮޓަރީގެ ލައިޓު ނިވި ދިއްލެން ފެށިއެވެ. މިފްޒާލް ދެލޯ ބޮޑުކޮށްގެން ސީލިނގަށް، މަތި ބަލަން ހުއްޓެވެ.

"މިފްޒާލް.." ކޮޓަރީގެ ދޮރާއި ދިމާލުން އިވުނީ، މިފްޒާލަށް އޭނާގެ ސައިކަލު ފަހަތުން އިވުނު ހަމަ އެ އަޑެވެ. މިފްޒާލް ހުއްޓުން އެރިއެވެ. ފަސް އެނބުރި، ދޮރާއި ދިމާލަށް ކަޅި ހިންގައިލަން މިފްޒާލް ފަސްޖެހުނެވެ.

"މިފްޒާލް.." މިފަހަރު އަޑު އައީ ކުރިއަށް ވުރެ، މާ ބާރަށެވެ. މިފްޒާލް ބިރުން ހުރެ، ކުއްލިއަކަށް ފަސް އެނބުރި ދޮރާއި ދިމާލަށް ބަލައިލިއެވެ. (ނުނިމޭ)