ޑިފެންސް މިނިސްޓްރީގެ އާ އިމާރާތާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބީލަން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި، އަލުން ބިޑް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަޝްރޫއުއަށް އެސްޖޭއިން ހުށަހެޅި ބީލަން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ބީލަން ބާތިލުކޮށްފައިވަނީ، ބިޑް ޑޮކިއުމަންޓްގައި ނެތް އަދި ބީލަންތައް ހުޅުވުނު ތާރީހަށްފަހު ފާސްކޮށްފައިވާ އުސޫލަކަށް ރިއާއަތްކޮށް ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީގެ އިއުލާނާގުޅިގެން ހުށަހެޅިފައިވާ ބީލަންތައް އިވެލުއޭޓްކުރަންވާނީ ހަމައެކަނި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމުގެ މައްޗަށްކަމަށާއި، ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ބީލަންތައް އިވެލުއޭޓްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މާޒީއަށް ގާނޫނު ނުހިނގާނެކަމަށް ބަޔާންކުރާ ހަމައާއި ހިލާފަށްކަންވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެއާއެކު، އެސްޖޭ އިން އެދިފައިވަނީ އެ ކުންފުނީގެ ބީލަންވެސް ހިމަނައިގެން، ބީލަން ހުށަހެޅުމަށް ދިން ދައުވަތާއި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ އެންމެހައި ބީލަންތައް އިވެލުއޭޓްކުރުމަށާއި، ބިޑް އެވޯޑުކުރުމަށް އަމުރުކޮށް ދިނުމަށެވެ.
އޭގެ ރައްދުގައި ދައުލަތުގެ ފަރާތުން ކޯޓުގައި ފާހަގަކުރި ގޮތުގައި، ބިޑް އިވެލުއޭޓްކުރުމާއި އެވޯޑްކުރުމަކީ ދެ މަރުހަލާއެއްކަމާއި، އެވޯޑުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ގެ އުސޫލުގައި ބަޔާންކޮށްފައިވާކަމާއި، ޓެންޑާ ބޯޑުން ބިޑް އެވޯޑުކުރެވޭނީ ސަރުކާރުގެ ސިޔާސަތާއި އޭރު އަމަލުކުރަން ފެށި އުސޫލާ އެއްގޮތަށްކަމަށެވެ.
މިގޮތުން، އެވޯޑުކުރުމުގައި އެ ފަރާތުގެ ބީލަން ބައިވެރިކޮށްފައިނުވަނީ 1 އެޕްރީލް 2020 ގެ އުސޫލުގެ ފަސް ވަނަ މާއްދާގެ ދަށުން، ބީލަން ހުށަހެޅި ދުވަހާ ހަމައަށް، އެ ފަރާތަށް ލިބުނު ދައުލަތުގެ މަޝްރޫއުތަކުގެ އަދަދު އަށަކަށް ވުރެ އިތުރުވެ، މަސައްކަތުގެ އަގު 300 މިލިއަން ރުފިޔާއަށްވުރެ އިތުރުވާތީކަން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، ދައުލަތުން ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ބަދަލުނުކުރާ ކަމަށާއި، ބިޑް އިވެލުއޭޓްކޮށް، ބިޑް އެވޯޑްކުރުމުގެ މަރުހަލާގައި އުސޫލަށް ރިއާއަތްކޮށް، ބިޑް އެވޯޑުކުރުމުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ ބިޑް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ ބަދަލުކުރުން ނޫންކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާއަތްކޮށް، ގާޒީ އަހުމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި ވަނީ މި ދައުވާގައި ބިޑް އެވޯޑުކުރުމުގެ މަރުހަލާގައި އުފެދިފައިވާ ކަމަކަށް ހައްލު ހޯދަން އެދިފައި ނުވުމުގެ އިތުރުން، ޝަރީއަތަށް އައުމުގެ ކުރިން މަރުހަލާތަކެއް ފުރިހަމަކުރަންޖެހޭ އިރު، އެ މަރުހަލާތަކުގައި ބިޑު އެވޯޑުކުރުމާ ގުޅޭގޮތުން ހިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތް ކަމަށެވެ.
އަދި ދައުވާފޯމު ބިނާކޮށްފައިވަނީ ބިޑު އިވެލުއޭޓްކުރުމުގައި ހައްލު ހޯދުމުގެ މައްޗަށް ކަމަށްވުމާއެކު ބިޑު އެވޯޑުކުރުމާގުޅޭ ނުކުތާއަކީ މި މައްސަލައިގައި އެކަމާމެދު ނިންމުމެއް ނިންމަންޖެހޭ ނުކުތާއެއްކަމުގައި ނުދެކޭކަމަށްވެސް އެ ނިންމުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން، އެސްޖޭ އިން އެދިފައިވާ ފަދައިން އެ ކުންފުނީގެ ބީލަން ހިމަނައިގެން، ބީލަންތައް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަންކަމަށް އެ ހުކުމުގައިވެ އެވެ.