"ރަށް ފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ 5000 ގަސް އިންދުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދު ފިޔަވައި އެކުންފުނީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.
މި ޕްރޮގްރާމް މިދިޔަ ދެ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ގަސް ވަނީ އިންދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު 2000 ގަސް އިންދާފައިވާއިރު 2020 ވަނަ އަހަރު 3000 ގަސް ވަނީ އިންދާފަ އެވެ. އަދަދު ގިނަވެ މިއަހަރުގެ އަމާޒަކީ 5000 ގަސް އިންދުން ކަމަށް ސްޓެލްކޯ އިން މިއަދު ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމް އެންމެ ފުރަތަމަ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ވީ ވައުދެކެވެ. އެގޮތުން އެމަނިކުފާނު މި ޕްރޮގްރާމް ފައްޓަވައިދެއްވާފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.